އަންހެނުން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތަށް ނުވާތީ، އެކަމާ ބެހޭގޮތުން ފިގުހީ ލަފާ ހޯދަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ފޮނުވި ސިޓީ ބާތިލުކުރަން ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ އަންހެނުން ހިތާން ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމަށާއި އެއީ ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވާކަމަށެވެ.

އަންހެނުން ހިތާނު ކުރުމާ ބެހޭ ވާހަކަ ތިލަވެފައި ވަނީ، އިސްލާމިކް މިނިސްޓްރު ޑރ. އަހްމަދު ޒާހިރު އަލީ، ފަތުވާ މަޖިލީހުގެ ރައީސް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމަށް މިމަހުގެ ފަސްވަނަ ދުވަހު ފޮނުއްވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ސިޓީގައި އެދިފައި ވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުމަށެވެ.

އެ ސިޓީ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން މިކަމާ ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވަނީ ސައްހަ ސިޓީއެއް ކަމަށެވެ. އަދި އެ ސިޓީގައި އަންހެނުން ހިތާނު ކުރުމާ ބެހޭ ރައުޔަކަށް އެދިފައި ވަނީ، ހެލްތް މިނިިސްޓްރީން މި މައުޟޫއަށް ފަތުވާއެއް ދިނުމަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާތީ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވެފައި ވަނީ އަންހެނުން ހިތާނު ކުރުމުގެ މައުޟޫއަކީ މުޖުތަމައުގައި ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެއް ކަމަށެވެ. އަދި އެކަމުގެ މައުލޫމަތު ދެނެގަތުމަށް އެންމެ ރަނގަޅީ ދީނީ ނަޒަރިއްޔާތަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މައިމޫނާ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގައި އެފަދައިން ދަންނަވާފައި ވާނަމަ، އެއީ މިކަމުގައި ދީނުގައި އޮތީ ކޮން ގޮތެއްތޯ ދެނެގަނެ، މިކަމުގެ ސައްހަ މައުލޫމާތު ދެނެގަތުން ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އަންހެނުން ހިތާނު ކުރުމަކީ، ކުރިން ރާއްޖޭގައި ކޮންމެވެސް ވަރަކަށް ކުރަމުން އައި ކަމެކެވެ. ނަމަވެސް އެކަން ކުރުމުގެ ރަނގަޅު، ނުރަނގަޅު ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އަންހެނުން ހިތާނު ކުރުމަކީ ސިއްހީ ގޮތުން، އެކި މައްސަލަތައް ދިމާވާ ކަމެއްވެސް މެއެވެ.