އަންހެން ކުދިން ހިތާނު ކުރަންޖެހޭ އެއްވެސް ހަމައެއް ދީނުގައި ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިގޮތަށް ވިދާޅުވެފައިވަނީ އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފަޔަކަށް އެދުމުން އެކަމުގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ހުށަހެޅުމާއި ގުޅިގެނެވެ.

މައުމޫން ވިދާޅުވީ އިސްލާމްދީނުގައި އިންސާނުންގެ ޖިސްމާނީ އަދި ނަފްސާނީ ކަންކަން ރައްކާތެރިކޮށްދޭން ވަރަށް ބޮޑަށް ބާރުއަޅާ ކަމަށެވެ. އެހެންކަމުން އިސްލާމްދީނުގައި އަންހެން ކުދިން ހިތާނު ކުރަންޖެހޭ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ އަންހެނުން ހިތާނު ކުރުމުގެ މައުޟޫއަކީ މުޖުތަމައުގައި ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެއް ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ދެނެގަތުމަށް އެންމެ ރަނގަޅީ ދީނީ ނަޒަރިއްޔާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

މައިމޫނާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގައި އެފަދައިން ދަންނަވާފައިވާނަމަ އެއީ މިކަމުގައި ދީނުގައި އޮތް ގޮތް ދެނެގަނެ، މިކަމުގެ ސައްހަ މައުލޫމާތު ދެނެގަތުމަށް ކަަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އަންހެނުން ހިތާނު ކުރުމަކީ ކުރިން ރާއްޖޭގައި ކޮންމެވެސް ވަރަކަށް ކުރަމުން އައި ކަމެކެވެ. ނަމަވެސް އެކަން ކުރުމުގެ ރަނގަޅު، ނުރަނގަޅު ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އަންހެނުން ހިތާނު ކުރުމުގެ ސަބަބުން ސިއްހީ ގޮތުން، އެކި މައްސަލަތައް ދިމާވާތީ އެކަން ނުކުރުމަށް ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން ލަފާދެއެވެ.