އަންހެން ކުދިން ހިތާނު ކުރުމާ ބެހޭގޮތުން ފަތުވާއަކަށް އެދުނީ މައުލޫމާތަށްޓަކައި ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.

އަންހެނުން ހިތާނު ކުރުމާ ބެހޭ ވާހަކަ ތިލަވެފައި މިވަނީ، އިސްލާމިކް މިނިސްޓްރު ޑރ. އަހްމަދު ޒާހިރު އަލީ، ފަތުވާ މަޖިލީހުގެ ރައީސް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ސިޓީގައި އެދިފައި ވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުމަށެވެ.

މި ސިޓީ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން މިކަމާ ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަނީ ސައްހަ ސިޓީއެއް ކަމަށެވެ. އަދި އެ ސިޓީގައި އަންހެނުން ހިތާނު ކުރުމާ ބެހޭ ރައުޔަކަށް އެދިފައި ވަނީ، ހެލްތް މިނިިސްޓްރީން މި މައުޟޫއަށް ފަތުވާއެއް ދިނުމަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާތީ ކަމަށެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ، އަންހެނުން ހިތާނު ކުރުމުގެ މައުޟޫއަކީ މުޖުތަމައުގައި ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެއް ކަމަށެވެ. އަދި އެކަމުގެ މައުލޫމަތު ދެނެގަތުމަށް އެންމެ ރަނގަޅީ ދީނީ ނަޒަރިއްޔާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. މައިމޫނާ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގައި އެފަދައިން ދަންނަވާފައި ވާނަމަ، އެއީ މިކަމުގައި ދީނުގައި އޮތީ ކޮން ގޮތެއްތޯ ދެނެގަނެ، މިކަމުގެ ސައްހަ މައުލޫމާތު ދެނެގަތުން ކަމަށެވެ.

އަންހެނުން ހިތާނު ކުރުމަކީ، ކުރިން ރާއްޖޭގައި ކޮންމެވެސް ވަރަކަށް ކުރަމުން އައި ކަމެކެވެ. ނަމަވެސް އެކަން ކުރުމުގެ ރަނގަޅު، ނުރަނގަޅު ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އަންހެނުން ހިތާނު ކުރުމަކީ ސިއްހީ ގޮތުން، އެކި މައްސަލަތައް ދިމާވާ ކަމެއްވެސް މެއެވެ.