ޗައިނާގެ ވޫހާން ސިޓީން ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް އެއާޕޯޓުގައި ސްކްރީން ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ، މިއަދު ނޫސްވެރިންނަށް ދެއްވި ޕްރެސް ބްރީފިންގެއް ގައެވެ.

އަމީން ވިދާޅުވީ، ރާއްޖެއަކީ އެކި ގައުމުތަކުން މީހަުން ޒިޔާރްތަކުރާ ގައުމަަކށް ވީމަ ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގެ އެއާޕޯޓާ ހިސާބުން ކުރަންޖެހޭ މަސައްކަތްތަަކށް އިސްކަން ދީފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އެއަށްފަހު މި ވައިރަސްއާ ބެހޭ ކަމެއް ފެނިއްޖެކަމަށްވާނަމަ ދެން އަމަލު ކުރަންޖެހޭ ގޮތަތަކާ މެދުވެސް މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި (އެޗްޕީއޭ) ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ވާހަކަ ދެކެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

އެގޮތުން ތާމަލް ކެމެރާތައް މެދުވެރިކޮށް ފުރަތަމަ ސްކްރީން ކުރަމުން ގެންދާ ކަމަށާއި، މިހާރު ހުރި ވަސީލާތްތަކަށް ބަލާއިރު މިހާރު ސްކްރީން ކުރުން މި ފަށައިގަންނަނީ އެއް ކެމެރާއާ އެކު ކަަމަށް އަމީން ވިދާޅުވިއެވެ. ކުރިއަށް އޮތް ތިން ހަތަރު ދުވަހުގެ ތެރޭގައި ކެމެރާތައް އިތުރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއާޕޯޓުގައި ފުރަތަމަ ސްކްރީން ކުރުން ފަށާއިރު ދެން އެންމެ އަވަހަށް އައްޑޫ ސީޓީގައި ސްކްރީން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އަމީން ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ އެންޓްރީ ޕޯޓުތަކުން ސްކްރީންކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، މި ވައިރަސްއަށް ސަަސްޕެކްޓް ކުރެވޭ ފަރާތެއް ފެނިއްޖެ ކަމަށް ވާނަމަ އައިސޮލޭޓްކުރުމަށް ކުރަންޖެހޭ އިންތިޒާމްތައް ހަމަޖެހިފައި ކަމަށެވެ. އެގޮތުން މާދަމާ ހެނދުނުން ފެށިގެން އެއާޕޯޓުގައި އައިސޮލޭޝަން އޭރިއާއެއް ފާހަގަކުރެވި އެ އައިސޮލޭޝަން ތެރޭގައި ކަންކަން ކުރަންޖެހޭ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، ސިއްހީ ދާއިރާގެ ހޮސްޕިޓަލްތަކާއި ކަމާބެހޭ ފަރާތްތަކުން ވާންޖެހޭ ތައްޔާރީއާ ބެހޭ ގޮތުން އަމީން ވިދާޅުވީ، މިހާރު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އަދި މި ބަލި ޖެހުމުން ކަންތައް ކުރާނެގޮތާއި ޓެސްޓުކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ޓެސްޓުކުރަންޖެހެނީ ސާމްޕަލް ނަގައިގެން ރާއްޖޭން ބޭރަށް ފޮނުވައިގެން ކަމަށް އަމީން ވިދާޅުވިއެވެ.