ޗައިނާގެ ވޫހާން ސިޓީއިން އެމެރިކާއަށް ދަތުރުކުރި މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުތަކުން ހާމަކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ބަލި ޖެހިފައިވާ ޗައިނާ މީހަކު އެމެރިކާއިން ވަނީ ފެނިފައެވެ. އެމީހާއަކީ ޗައިނާގެ ވޫހާން ސިޓީއިން އެމެރިކާއަށް ދަތުރުކުރި މީހެކެވެ. އެގޮތުން މި ބަލި ޖެހިފައިވަނީ 30 އަހަރުގެ ފިރިހެނަކަށެވެ. މި މީހާ ޗައިނާގެ ވޫހާން ސިޓީއިން އެމެރިކާއަށް ދަތުރުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިއީ އެމެރިކާއިން ކޮރޯނާވައިރަސް ފެނިގެން ރިޕޯޓްކޮށްފައިވާ ފުރަތަމަ ފަހަރެވެ.

އެމެރިކާއަށް ދަތުރުކުރާ މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްތޯ ބެލުމަށް އެމެރިކާގެ އެއާޕޯޓުތަކުގައި މިހާރު ސްކްރީން ކުރެވޭ ގޮތައްވެސް ވަނީ ހަމަޖައްސާފައެވެ.

ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާ ވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 440 އަށް އަރާ، މި ރޯގާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 9 އަށް އަރާފައިވާ ކަމަށް ޗައިނާގެ ހެލްތް ކޮމިޝަނުން މިއަދުވަނީ ބުނެފައެވެ.

ޗައިނާގެ 13 ޕްރޮވިންސްއަކުން މި ވައިރަހަށް ޕޮޒިޓިވް ވި މީހުން ފެނިފައި ވެއެވެ. އަދިވެސް ފުރިހަމައަށް ހަގީގަތް ދެނެގަނެވިފައި ނުވާ މި ވައިރަސް، އެކި ގޮތްގޮތަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމުގެ އިންޒާރުވެސް ޗައިނާގެ ހެލްތް ކޮމިޝަނުން ވަނީ ދީފައެވެ. މި ވައިރަހަށް ރަސްމީ ސިފައެއް ގައި އަދި ނަމެއް ދީފައި ނުވި ނަމަވެސް، ފަންނީ ފެންވަރުގައި މި ރޯގާއަށް މިހާރު މުހާތަބު ކުރަމުން ދަނީ 2019 ނޯވެލް ކޮރޯނާވައިރަސް ނުވަތަ 2019-އެންކޯވްގެ ނަމުންނެވެ.

ވެރިރަށް ބޭޖިންގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަންގެ ވައިސް މިނިސްޓަރު ލީ ބިން ވިދާޅުވީ، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ޖެހޭ މި ވައިރަހަށް ބަދަލުތަކެއް އައިސް، އަދިވެސް އިތުރަށް މިވައިރަސް ފެތުރިގެން ދިއުމުގެ ބިރުވެރިކަން އެބައޮތް ކަމަށެވެ.

ޗައިނާ ސަރުކާރުން މިހާރުވަނީ 2019-އެންކޯވް ރޯގާއަށް، 2003 ވަނަ އަހަރު ފެތުރިގެން ދިޔަ ނުރައްކާތެރި ސާސް ރޯގާއާ އެއް ދަރަޖައެއް ދީފައެވެ. މިއާއެކު މި ވައިރަހަށް ޕޮޒިޓިވް ވާ މީހުން ކަރަންޓީން ކޮށް، ދަތުރުފަތުރުކޮށް އުޅުމުގައިވެސް ކަރަންޓީން ކުރާ އުސޫލުން ފިޔަވަޅުތައް އަޅަން ފަށާފައި ވާކަމަށް މައުލޫމާތު ލިބެއެވެ. ވައިރަހަށް ޕޮޒިޓިވް މީހުންނާ އެކި ގޮތް ގޮތުން 2000 އަށް ވުރެ ގިނަ މީހުން ބައްދަލު ވެފައިވާކަމަށްވެސް ލީ ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން އުފެދިގެން އައި މި ރޯގާއާ ގުޅޭ އެމާޖެންސީ ބައްދަލުވުމެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން މިއަދުގެ ފަހުގެ ވަގުތެއްގައި، ސުވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށް ގެންދިއުމަށްވެސް ވަނީ ތާވަލު ކޮށްފައެވެ.