މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ސާސް އާއިލާގެ އާ ރޯގާއާ ގުޅިގެން ކުރަންޖެހޭ މުހިންމު މަޝްވަރާތަކެއް ކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ކުށްލި ހާލަތާ ބެހޭ ޕެނަލްގެ ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.

ޗައިނާއިން ބޭރަށްވެސް މިހާރު ފެތުރިފައިވާމި ރޯގާއަކީ ނުރައްކާތެރި ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ ރޯގާއެއް ކަމަށް ބެލެވޭއިރު، މި ރޯގާ އަކީ އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ފެތުރެމުންދާ ވައިރަހަކުން ޖައްސާ ރޯގާއެއް ކަމަށް ޗައިނާއިން މިހާރު ވަނީ ބުނެފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި، ޗައިނާގެ ވޫހާން ސިޓީއިން ފެނުނު މި ރޯގާއަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) އާއިލާއަށް ނިސްބަތްވާ ރޯގާއެއްކަން ހާމަވުމާއެކު ސިއްހީ ހިދުމަތްދޭ އެކި މުއައްސަސާތަކުން ވަނީ އެލާޓަށް އައިސްފައެވެ. 2002 ވަނަ އަހަރު ޗައިނާއިން އުފެދުނު ސާށް ރޯގާ ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރި، 800 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ޗައިނާއިން އަނެއްކާވެސް އުފެދިގެން އުޅޭ ސާސް އާއިލާގެ އާ ރޯގާއަށް 140 އަށްވުރެ ގިނަ މީހުން އެގައުމުން އެކަނިވެސް ޕޮޒިޓިވް ވެފައިވާއިރު 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި 9 މީހަކު މިހާރުވެސް އޮތީ ކްރިޓިކަލް ހާލަތެއް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ޖަޕާނުން 1 އަދި ތަލޭންޑްއިން 2 މީހަކު މި ރޯގާ ޖައްސާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 200 އަށްވުރެ މައްޗަށް އަރާފައެވެ.

މިއީ ޗައިނާގެ ވޫހާންއިން ފެނުނު ވައިރަހަކަށް ވީ ނަމަވެސް، ޝޭންޒެންއާއި ވެރިކަން ކުރާ ބީޖީންގްއިންވެސް މި ވައިރަހުގެ އަސަރު މިހާރު ފެންނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައްބުނެއެވެ.

މިކަމާ ގުޅިގެން ޑަބްލިއު.އެޗް.އޯގެ އެމާޖެންސީ ޕެނަލްއިން ބުދަ ދުވަހު ސުވިޓްޒަލަންޑްގައި ކުރިއަށް ގެންދާ މަޝްވަރާތަކަކީ، އަދުގެ ހާލަތަށް ބަލާ، މި ރޯގާއަކީ އާންމު ސިއްހަތުގެ ކުށްލިނުރައްކާ ހާލަތުގައި އޮތް ބައްޔެއް ތޯ ބަލާ، ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާ ދަރަޖައަށް ގޮސްފައި އޮތް ކަމެއްތޯ ނުވަތަ ނޫންތޯ ދެނެގަނެ އެކަން ރަސްމީ ސިފައެއްގައި އިއުލާން ކުރުމަށް ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ. މިއީ ޑަބްލިއު.އެޗް.އޯއިން ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. މިހާތަނަށް ޑަބްލިއު.އެޗް.އޯއިން މިފަދަ ކަމެއް ކޮށްފައިވަނީ އިންތިހާއަށް ނުރައްކާތެރި، ބޮޑެތި ބަލިމަޑުކަމަކާ ގުޅިގެންނެވެ.

މި ދުވަސްވަރަކީ ޗައިނާގެ އާ އަހަރު ފެށުމުގެ މުނާސަބާއާ ދިމާކޮށް ގިނަ ބަޔަކު އެކި މަންޒިލްތަކަށް ދަތުރުކުރާ ދުވަސްވަރަކަށް ވެފައި، މި ރޯގާއަކީ އިންސާނުންގެ ގައިން އަރާ ރޯގާއަކަށްވުމުން ކުރިއަށް އޮތް ދުވަސްވަރު މި ރޯގާ ހަލުވި ދުވެއްޔެއްގައި ފެތުރިގެން ހިނގައިދާނެ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިންޒާރު ކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާ ވައިރަހުގެ އަސަރު ދިވެހިރާއްޖެއާއި ހަމައަށް އައިސްދާނެ ކަމަށްޓަކައި އެފަދަ ކަމަކުން ރައްކާތެރި ވުމުގެ ގޮތުން މިހާރުވެސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާ، މި ބަލިން ރައްކާތެރިވުމަށްޓަކައި ޗައިނާއަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހިރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ގޮވާލާފައެވެ.

ޗައިނާއިން ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އާ ރޯގާއިން ސަލާމަތްވުމަށް ދުނިޔޭގެ އެކި ހިސާބުތަކުގެ ވައިގެ ބަނދަރުތަކުގައި ފަސެންޖަރުން ސްކްރީން ކުރުމަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާއިރު، ބައެއް ގައުމުތަކުންވަނީ ޗައިނާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ޓްރެވެލް އެޑްވައިޒަރީ ނެރެފައެވެ.