ދާހިލީ ހަނގުރާމަ ގަދަވެފައިވާ ލީބިޔާގައި ސުލްހަ ގާއިމު ކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ގުޓެރޭޒް މިކަން ހާމަކުރައްވާފައިވަނީ، ލީބިޔާގައި ސުލްހަ ގާއިމުކުރުމާ ގުޅޭ ގޮތުން ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށް ގެންދިޔަ ސަމިޓަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލީޑަރުންވަނީ ލީބިޔާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ކުރަމުންދާ ދާހިލީ ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ވައުދުވެވަޑައިގެންފައެވެ. އަދި ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް އދއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށްދެއްވުމަށްވެސް އެ ލީޑަރުންވަނީ ވައުދުވެވަޑައިގެންފައެވެ.

ލީބިއާގެ ވެރިރަށް ތުރާބުލުސްގެ މިތީގާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ވައިގެ މަގުން ދިން ހަމަލާއާއި ގުޅިގެން އެއާޕޯޓުން މީހުން ހުސްކުރަނީ/ފޮޓޯ: އޭއެފްޕީ

ލީބިޔާގައި ހައްލު ނުލިބިވާ ދާހިލީ ހަނގުރާމައެއް ކުރަމުންދަނީ އދގެ އެއްބާރުލުން ލިބިފައިވާ ގަވަމަންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ)ގެ މައި ސަރުކާރާ، ނުފޫޒުގަދަ އަސްކަރީ ޖެނެރަލް ޚަލީފާ ހަފުތާރަށް ވަފާތެރި ބާރުތަކާ ދެމެދުގައެވެ.

ބާލިން މަޝްވަރާތަކުގައި މި 2 ފަރާތުން ބައިވެރިވި ކަމުގައި ވީ ނަމަވެސް، 2 ބައި މީހުންގެ މެދުގައި ސީދާ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ޖަރުމަނުވިލާތުގެ ޗާންސެލާ އެންހެލާ މާކޭލް ވިދާޅުވީ މަޝްވަރާތަކާ ބެހޭ ގޮތުން 2 ބައި މީހުންނަށް މައުލޫމާތު ފޯރުކޮށްދީ، ލަފާ އަރުވާފައިވާނެ ކަމަށެވެ.

ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު (ވ)، ވެރިރަށް ރިޔާދުގައި ލީބިއާގެ ޖެނެރަލް ހަފުތާރާ ބައްދަލުކުރައްވަނީ/ފޮޓޯ: ސައުދީ ރޯޔަލް ކޯޓު

އެންހެލާގެ އިތުރުން މިމަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންގެ ތެރޭގައި ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިން، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން، ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަޣޯން އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ފާހަގަކުރެވެއެވެ.

ލީބިޔާގައި ހިނގަނީ ކޮން ކަންތައްގަނޑެއް؟

ލީބިޔާގެ ޒަމާންވީ، ޚުދުމުޚުތާރު ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލި 2011 ވަނަ އަހަރުގެ ވަރުގަދަ މުޒާހަރާތަކަށްފަހު އެ ގައުމަށް އަދާ ޖެހުނުއިރުވެސް ފުރިހަމަ ހަމަޖެހުން އައިސްފައެއް ނުވެއެވެ.

ޖެނެރަލް ހަފުތާރުގެ ލީބިޔަން ނޭޝަނަލް އާމީ (އެލްއެންއޭ)އިން ކޮންޓްރޯލް ކުރަމުންދަނީ ލީބިޔާގެ އިރުމަތީ ހިސާބުތަކުން ބޮޑު ސަރަހައްދެކެވެ. 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޖެނެރަލް ހަފުތާރު ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ލީބިޔާގެ މައި ސަރުކާރު (ޖީއެންއޭ)އާއި ދެކޮޅަށް އަސްކަރީ ހަމަލާތަކެއް ދީ، ކުރިމަތިލުންތައް ފަށާފައެވެ.

ލީބިއާގައި ހަމަނުޖެހުންތައް ހިންގަމުންދަނީ ސަރުކާރަށް ވަފާތެރި އަސްކަރިއްޔާއާއި ޖެނެރަލް ހަފުތާރުގެ ހަނގުރާމަވެރިންނާ ދެމެދު/ފޮޓޯ: އޭއެފްޕީ

ވެރިރަށް ތުރާބުލުސްގެ ކޮންޓްރޯލް ނެގުމަށް ޖެނެރަލް ހަފުތާރުގެ ބާރުތައް އަދި ނުކުޅެދިފައި އޮތެއް ކަމަކު، އެގައުމުގެ 3 ވަނައަށް އެންމެ ބޮޑު ސިޓީގެ ކޮންޓްރޯލް މިހާރު އޮތީ އޭނާގެ ކޮންޓްރޯލްގެ ދަށުގައެވެ.

އދއިން މައުލުމާތު ދޭ ގޮތުގައި މި ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ އަމިއްލަ ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައެވެ.

ޖީއެންއޭގެ ލީޑަރު އަދި ބޮޑުވަޒީރު ފާއިޒު އަލް-ސައްރާޖްއާއި ޖެނެރަލް ހަފުތާރާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއް މިމަހުގެ ކުރީކޮޅު އެކުލަވާލެވިފައިވާ ކަމަށް އަޑު ފެތުރުނުއިރު، މި އެއްބަސްވުމާ 2 ފަރާތުންވެސް ހިލާފުވާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ލީބިއާގެ ވެރިރަށް ތުރާބުލުސްގެ ބާޒާރެއް. ރައްޔިތުން ދަނީ ކާބޯތަކެތި ގަނެ، ގޭގައި ގުދަންކުރަމުން/ފޮޓޯ: ރޮއިޓާޒް

ކަންމިހެން އޮތްއިރު ލީބިޔާގެ ހަމަނުޖެހުންތަކުގެ ތެރެއަށް ބޭރުގެ ނުފޫޒުތަކުން ވަންނަ މައްސަލަ ވަނީ ފަހަކަށް އައިސް ބޮޑުވެފައެވެ. އެގޮތުން ޖީއެންއޭގެ ބާރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި ތުރާބުލުސްގައި ތުރުކީވިލާތުގެ އަސްކަރީ ފައުޖުގެ ސަފުތައް ރުކުރުވާލުމަށް ތުރުކީވިލާތުން ވަނީ ހައިޖާނު ބޮޑު ގާނޫނެއްވެސް ފާސްކޮށްފައެވެ.

ޖެނެރަލް ހަފުތާރުގެ ބާރުތަކަށް އެއްބާރުލުން ލިބެނީ ރަޝިޔާ، މިސްރު، ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި އުރުދުންގެ ފަރާތުންނެވެ.