މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަލިފާން ރޯވަމުންދާ އޮސްޓްރޭލިއާގެ އެކި ހިސާބުތަކަށް މިހާރު ގަދައަށް ވިއްސާރަކުރަމުންދިޔަ ކަމުގައި ވީ ނަމަވެސް، އަލިފާނުގެ ކާރިސާއަށް އަދިވެސް ނިމުން އައިސްފައި ނުވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ފާއިތުވީ ދުވަސްތަކުގައި ގަދައަށް ވިއްސާރަ ކުރަމުންދިޔަ ކަމުގައި ވީ ނަމަވެސް، ނިއު ސައުތް ވޭލްސްއާއި ވިކްޓޯރިއާ ސްޓޭޓް ސަރަހައްދުގައި އެކަނިވެސް 80 އެއްހާ އަލިފާންގަނޑު ރޯވެ، އަނދަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ވިއްސާރައިގެ ގަދަ ތޫފާންތައް ކުރިމަތިވެފައިވަނީ މެލްބަންއާއި ކެންބަރާ ސަރަހައްދަށެވެ. މި ވިއްސާރާގައި ވެހެމުންދާ އޮއްގާ ފަދަ ގަނޑުފެނުގެ ވާރޭ ކަންޏެއްގެ ބޮޑުމިން، ގޮލްފް ބޯޅައަކާ އެއްވަރު ވާނެ ކަމަށް ޚަބަރު ލިބެއެވެ.

ގަދައަށް ވައި ޖެހެމުން ދިއުމުގެ ސަބަބުން، ނިއު ސައުތް ވޭލްސްގެ ބައެއް އަވަތަށްތަކާ ދިމާލުގައި ހިރަފުހުގެ ވިލާގަނޑުތައް ބޯވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އޮސްޓްރޭލިއާއަށް ކުރަމުންދާ ވިއްސާރާގައި ވެހެމުންދާ އޮއްގާ ފަދަ ގަނޑުފެނުގެ ވާރޭ ކަންޏެއްގެ ބޮޑުމިން، ގޮލްފް ބޯޅައަކާ އެއްވަރު/ފޮޓޯ: ޕީޓް ޝޭކްސް

ވިއްސާރައިގެ ސަބަބުން އަލިފާންގަނޑުތަކަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނު ކަމުގައި ވީނަމަވެސް އަލިފާން ނިއްވުމުގެ ބައެއް މަސައްކަތްތަކަށް ހުރަސް އެޅިފައިވާކަން އޮފިޝަލުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މެލްބަންގައި ވައިގެ ތަޣައްޔަރުކަން އިންތިހާއަށް ގޮސްފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފަށައިގެން އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ރޯވަމުންދާ ގަދަ އަލިފާންގަނޑުތަކުގެ ސަބަބުން 30 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު 2000 އެއްހާ ގެ ވަނީ ހަލާކުވެފައެވެ. އެތައް މިލިއަން ޖަނަވާރެއްގެ ފުރާނަ ގެއްލިފައިވާއިރު، 10 މިލިއަން ހެކްޓަރުގެ ބިން ވަނީ އަނދާ ހުލިވެފައެވެ.