ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ މެންބަރުންނަށް ވާދަނުކުރެވޭނެކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، މިފަހަރުގެ އިންތިހާބުގެ ޕްރައިމަރީގައި ޕީއެންސީން ވާދަނުކުރަން ނިންމާފައިވާ ކަަމަށެވެ. ހީނާ ވިދާޅުވީ، މިހާރުވެސް ޕްރައިމަރީގައި ވާދަކުރުމަށް 700 އެއްހާ ފޯމް ލިބިފައިވާ ކަމަށާއި އިންތިހާބުގެ ޕްރައިމަރީގައި ވޯޓު ލެވޭނީ ޕީޕީއެމްގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށެވެ.

ހީނާ ވިދާލުވީ، ޕީޕީއެމަށް އަބަދުވެސް ވަނުމަށްޓަކައި މެންބަޝިޕް ފޯމް ލިބެމުންދާ ކަމަށެވެ. އަދި ހާއްސަކޮށް މިވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ޕީޕީއެމަށް ވަނުމަށްޓަކައި ވަރަށް ގިނަ އަދަދެެއްގެ ފަރާތްތައް ކޮންމެ ރެއަކުވެސް ޕާޓީ އޮފީހަށް އަމިއްލައަށް އައިސް ފޯމްތައް ފުރަމުންދާ ކަމަށާއި ރަށްރަށަށް ކުރައްވާ ދަތުތުތަކުގައި ވެސް ޕީޕީއެމާ ގުޅެން އެތައް ބަޔަކު އަންނަ ކަމަށް ހީނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ރަށްރަށަށް ކުރާ ދަތުރުތަކުގައިވެސް ވަރަށް ގިނަ ބަޔަކު ޕީޕީއެމްއާ ގުޅިވަޑައިގަންނަވާ"
ހީނާ ވަލީދު

ދާދި ފަހުން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ޕީޕީއެމްގެ މެންބަރުންގެ ވީނުވީއެއް ނޭނގި އަދަދު މަދުވި މައްސަލައިގައި ހީނާ ވިދާޅުވީ އެ މެންބަރުން އަލުން ޕާޓީއަށް ވެއްދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ.