180 މީހުންނާއެކު އީރާނުގެ ވެރިރަށް ތެހްރާންގެ އިމާމު ޚުމައިނީ އެއާޕޯޓްއިން ފުރައިގެން ޔޫކްރައިންގެ ވެރިކަން ކުރާ ކިއޭފްއަށް ދަތުރު ފެށިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، އީރާނު އަސްކަރިއްޔާއިން މިސައިލް ހަމަލާތަކެއް ދީ، ވައްޓާލި ޔޫކްރައިންގެ ފްލައިޓް ޕީއެސް752ގެ ކަޅު ފޮށި، ޔޫކްރައިންއަށް ފޮނުވަން އީރާނުން ނިންމައިފިއެވެ.

އީރާނުގައި ހިސާބަކަށް ރަސްމީ ހައިސިއްޔަތު ލިބިފައި އޮންނަ ތަސްނީމު ނިއުސް އޭޖެންސީއާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި، ކަޅުފޮއްޓާ އެނޫންވެސް ގޮތްގޮތުން ހާދިސާއާއި ގުޅޭ މައުލޫމާތު ބަލާ ދިރާސާކުރުމުގެ ފުރުސަތު، ކެނެޑާ، ފަރަންސޭސިވިލާތް އަދި އެމެރިކާއަށް ދިނުމަށްވެސް އީރާނު މިހާރު އޮތީ ތައްޔާރަށެވެ.

176 ފަސެންޖަރުންނާ 4 ކުރޫއިން ދަތުރުކުރަމުންދިޔަ ކޮމާޝަލް ފްލައިޓަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީ ވައްޓާލާފައިވަނީ، ނޭނގުމެއްގެ ތެރޭގައި އޮޅުމެއް އަރައިގެން ހެދުނު ގޯހަކުން ކަމަށް އެގައުމުން ވަނީ އިއުތިރާފުވެފައެވެ. އަދި މިކަމުގައި ޒިންމާ އުފުލަންޖެހޭ ހުރިހާ ފަރާތްތަކެއް ޖަވާބުދާރީ ކުރުވާނެ ކަމަށް އީރާނުގެ އިސް ފަރާތްތަކުން ވަނީ ޔަގީންކަން ދެއްވާފައެވެ.

ފްލައިޓް ޕީއެސް752 ވައްޓާލުމުގެ ހާދިސާ ހިނގާފައިވަނީ، އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރުގެ ބަދަލު ހިފުމުގެ ނަމުގައި، އިރާގުގައި ހުންނަ އެމެރިކާ އަސްކަރިއްޔާގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާތަކެއް ދިންތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގައި އެކްސިޑެންޓް އިންވެސްޓިގޭޝަންސް ގެ ޑައިރެކްޓާ އިންޗާޗުގެ މަގާމުގައި ހުންނެވި ހަސަން ރިޒާއީފާރު ވަނީ، ޔޫކްރައިންއަށް ފޮނުވައިގެން ކަޅުފޮށީގައިވާ މައުލޫމާތު ދެނެގަތުމަށް ހިންގާ އޮޕަރޭޝަން ފެއިލްވެއްޖެ ނަމަ، އެ ކަޅުފޮށި ދެން ހަވާލުކުރާނީ ފަރަންސޭސިވިލާތާ ކަމަށެވެ.

ކަޅުފޮށިން މައުލޫމާތު އެއްކުރުމުގެ މަސައްކަތް، އީރާނުގައި ކުރިއަށް ނުގެންދާޏެ ކަމަށްވެސް ރިޒާއީފާރު ވަނީ ވިދާޅުވެފައެވެ. ބޯޓުން ދަތުރުކުރި ގިނަ އަދަދެއްގެ ފަސެންޖަރުން ނިސްބަތްވާ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓީން ޓްރޫޑޯވެސް ވަނީ ބޯޓުގެ ކަޅުފޮށި، ފަރަންސޭސިވިލާތަށް ފޮނުވުމަށް ގޮވާލައްވާފައެވެ.

އިންތިހާއަށް ހަލާކުވެފައިވާ ކަޅުފޮށިތަކުން މައުލޫމާތު އެއްކުރުމުގެ ގާބިލުކަން ލިބިފައިވާ މަދު ގައުމުތަކުގެ ލިސްޓުގައި ފަރަންސޭސިވިލާތް ހިމެނެއެވެ.

ފްލައިޓް ޕީއެސް752ގެ ދަތުރުގައި ބޭނުންކޮށްފައިވަނީ އެމެރިކާގެ މޮޑެލްއެއް ކަމަށް ބޮއިންގް 737-800 މަރުކާގެ މަތިންދާބޯޓެކެވެ.