މި ހިނގާ ޖަނަވަރީ މަސް ނިމުމުގެ ކުރިން، އެމެރިކާއާއިއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް، އަފްގާނިސްތާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ބުނެފިއެވެ.

ތޯލިބާނުންވަނީ އަފްގާނިސްތާނުގައި އެ ޖަމާއަތުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް 'ހިސާބަކަށް މަޑުޖައްސާލާނެ' ކަމަށާ، އެއީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހާރިޖީ އަސްކަރީ ފައުޖުތަކުން އެގައުމު ދޫކޮށް ދިއުމަށް ބޭނުންވާ ރައްކާތެރި ވެއްޓެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި އަޅާ ފިޔަވަޅެއް ކަމަށްވެސް ބުނެފައެވެ.

ތޯލިބާނު ޖަމާއަތުގެ އިސް ތަރުޖަމާނު ސުހައިލް ޝާހީން ބުނީ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމާ ދިމާކޮށް އަސްކަރީ އޮޕަރޭޝަންތައް މަޑުޖައްސާލާނެ ކަމަށެވެ. އޭނާ މިފަދަ މޭރުމަކުން ވާހަކަދައްކާފައި މިވަނީ، އެމެރިކާއާއިއެކު މިދިޔަ ހަފުތާގައި ދޯހާގައި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ފަހުގައި ކަމަށް ޚަބަރު ލިބެއެވެ.

ކަންމިހެން އޮތް ނަމަވެސް، ހަމަލާ ބަދަލު ކުރުން ހުއްޓާލުމާ ބެހޭ އެއްބަސްވުމެއް އަދި އެކުލަވާލެވިފައި ނުވާކަންވެސް ޝާހީން ވަނީ ފާހަގަކޮށްފައެވެ.

އަފްގާނިސްތާނުގެ ރިޔާސީ ގަނޑުވަރުން ބުނީ އެއްބަސްވުމަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށާ، އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުބާރު ގާއިމުކުރަން ޖެހޭ ކަމަށެވެ. އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރާ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ތޯލިބާނުން ގަބޫލުކުރާއިރު، ސުލްހައިގެ އެއްބަސްވުމާ ބެހޭ އެއްވެސް މަޝްވަރާއެއް ތޯލިބާނު ޖަމާއަތުން އަފްގާނިސްތާނުގެ މައި ސަރުކާރާ ހިއްސާކޮށްފައެއް ނުވެއެވެ.