2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅުންހުރި އެ ކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވީ ނަމަވެސް، ހަމަނުޖެހުން އަދިވެސް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ 'ދަ ޕްރެސް' ގެ ނޫސްވެރިން މައުލޫމާތު ދީފައިވާ ގޮތުގައި، ކުޑަކުއްޖާގެ ބައްޕަ ހައްޔަރުކޮށްގެން ގެންދިޔަ ފަހުން ވެސް ފުލުހަކަށް އަނިޔާ ވެފައިވާ ކަމަށެވެ. އަދި އެ ފުލުސް މީހާގެ ބޯ ފަޅައިގެން ގޮސްފާއިރު، އެމްބިއުލާންސަށް އަރުވައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޭނާ މައުލޫމާތުދެއެވެ.
ކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، މިއަދު ހަވީރުއްސުރެ، ކުއްޖާގެ ބައްޕަ ހުރި ހުޅުމާލޭ ފްލެޓް ސަރަހައްދަށް މީހުން އެއްވެ އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. އަދި އެ ފްލެޓުގެ ދޮރުފަތްތައް ތަޅާލާފައި ވާއިރު، އާންމުންނާއި ފުލުހުންނާ ދެމެދު ވެސް ވަނީ ހަމަ ނުޖެހުން ހިނގާފައެވެ.
އިހުތިޖާޖުގެ ބައިވެރިން އަދިވެސް ހަމަނުޖެހުމުން ހިންގަމުން ދާއިރު، އެ ސަރަހައްދުން ބައެއް އާންމުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އިހުތިޖާޖުގެ ބައިވެރިން ދަނީ ހުޅުމާލޭ ފްލެޓް 108 ގައި ތިބި މީހުން ބޭރަށް ނެރުމަށް ގޮވަމުންނެވެ. އަދި ހައްޔަރުކޮށްގެން ގެންދިޔަ ކުއްޖާގެ ބައްޕަ އަލުން ގެނައުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން އެދެމުންދާ ކަމަށް މައުލޫމާތުލިބެއެވެ.
ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަައެއްގައި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކެއް އިހުމާލުވެފައިވާ އިރު އެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އޭނާ މާލެ އައީ ކުއްޖާގެ މަންމައާ ބައްދަލު ކުރުމަށް ކަމަށް އާއިލާއިން ބުނެއެވެ.
އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން އެސްއޯ ފުލުހެއްގެ ބޯ ފަޅާއިގެން ގޮސްފައި ވާއިރު، އެ ސަރަހައްދުގައި ވަނީ މީގެ ކުރިން ޕެޕާ ސްޕްރޭ ޖަހާފައެވެ.
ދެ އަހަރުގެ ކުއްޖާގެ މައްސަލައާ ގުޅިގެން މިއަދު ވަނީ އިހުތިޖާޖުތަކެއް ބާއްވާފައެވެ. އެގޮތުން، ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖު ކޮށްފައިވާއިރު، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ކުރިމަތީ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަން ކުރިމަތީ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ.