2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކާ ގުޅިގެން އެފަދަ އަމަލުތައް ހުއްޓުވުމަށް ދައުލަތުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، ލާއިންސާނީ އަނިޔާވެރި އަމަލުތައް ރާއްޖޭގެ ކަންކޮޅުތަކުން ހުއްޓުވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ހަރުދަނާކަމާއެކު ކުރުމަށް އެ ކޯލިޝަނުން ގޮވާލާ ކަމަށެވެ.
އެ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ 2 އަހަރުގެ ތުއްތު މައުސޫމް އަންހެން ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އެ ކޯލިޝަނުން ބުނީ، ލިބެމުންދާ މައުލޫމާތަށް ބަލާއިރު އެ އަނިޔާވެރި އަމަލު ހިންގާފައި ވަނީ އެ ތުއްތު ކުއްޖާއަށް ރައްކާތެރިކަމާއި ހިމާޔަތް ދޭންޖެހޭ ފަރާތްތަކަކުން ކަމަށްވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.
މި އަމަލު ހިންގި ބަޔަކީ އެމީހުންގެ ހިތުގައި އެއްވެސް މިންވަރެއްގެ ކުލުނެއް ނުވަތަ އިންސާނިއްޔަތު ކަމުގެ އެއްވެސް މިންވަރެއް ހުރި ބައެއް ނޫން ކަމުގައި ދެކޭ ކަމަށާއި، މި ނުބައި ނުލަފާ އަމަލު ހިންގާފައިވާ ފަރާތްތައް ހޯދާ އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ވަގުތުން ގެނެސް އެމީހުންނަށް ގާނޫނުތަކުން ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އެ ކޯލިޝަނުން ބުނެއެވެ. އަދި މިފަދަ ލާއިންސާނީ އަނިޔާވެރި އަމަލުތައް ރާއްޖޭގެ ކަންކޮޅުތަކުގައި އިތުރުވަމުން ދާދިއުމަކީ އެ ކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް ބުނެއެވެ.
މި ދިޔަ ބުދަ ދުވަހު ދެކުނުގެ ރަށެއްގައި ކުޑކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު އެ މައްސަލައިގައި ފުލުހުން ވަނީ ކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ އުމުރުން 81 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނެކެވެ.
މިހާރު އެ ކުއްޖާ ވަނީ ރާއްކާތެރި މާހައުލަކަށް ގެންގޮސްފައި ކަމަށް ޖެންޑާ މީނިސްޓްރީން ބުނެއެވެ.