އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދިނުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ގޮވާލައްވައިފިއެވެ.

ޑރ. ޖަމީލް ވިދާޅުވީ، ވެރިކަމުގައި ތިބި ބަޔަކަށް ވޯޓު ދީގެން ނޫނީ އަސާސީ ހައްގުތަކާއި ހިދުމަތްތައް ލިބެން ނެތް ކަމަށް ބުނުމަކީ ޤާނޫނުއަސާސީން ގެނެސްދީފައިވާ ހިންގުމުގެ ނިޒާމް ބަލައިނުގަތުން ކަމަށެވެ.

ނުސީދާކޮށް ރައްޔިތުންނަކީ ވިސްނުމުގެ ގާބިލްކަން ނެތް ބައެއް ކަމަށް އެމްޑީޕީގެ ވެރިންނަށް ވިދާޅުވެވޭ ކަމަށް ވެސް ޖަމީލު ވަނީ ތުހުމަތު ކުރައްވާފައެވެ.

ޖަމީލު ވިދާޅުވީ، ކައުންސިލް އިންތިހާބާ ކުރިމަތިލާއިރު ދިވެހި ފަސްގަނޑުގައި އިސްލާމްދީނަށް އޮތް ގޮންޖެހުންތަކާއި ބޭރުގެ ނުފޫޒާއި ނުކަތާ ވަރަށް ނަގަމުންދާ ޓެކްސްތަކުގެ ސަބަބުން އުފުލަމުންދާ ވޭން ރައްޔިތުން އިހުސާސް ކުރަންވާނެ ކަމަށެވެ. އަދި މިއީ މޮޔަ ނުހެއްދޭނެއޭ ބުނެ، ތެދުވާން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވެ އޭނާ ވަނީ އެމްޑީޕީއަށް ވޯޓު ނުދިނުމަށް ގޮވާލައްވާފައެވެ.

ޖަމީލު މިހެން ވިދާޅުވެފައި ވާއިރު، ކައުންސިލް އިންތިހާބާ ދިމާކޮށް ޖަމީލު ފާޑުވިދާޅުވުން އެމްޑީޕީއަށް އަމާޒުވަމުންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން، އެމްޑީޕީގެ ދަފްތަރު ސައްހަ ނޫންކަމަށާއި، ވެރިކަމުގެ ބާރާއި ނުފޫޒް ބޭނުންކޮށްގެން އެމްޑީޕީގެ ދަފްތަރަށް މީހުން އިތުރުކޮށްފައިވާ ކަމަށް ވެސް ޖަމީލު ވަނީ ތުހުމަތު ކުރައްވާފައެވެ.