ށ. ފުނަދޫ އެއާޕޯޓް އަންނަ މަހުގެ އެއް ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެއާޕޯޓު ހުޅުވާނެ ސީދާ ތާރީހު އަންނަ އާދިއްތަ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ. ނަމަވެސް އަމާޒަކީ ފެބްރުއަރީ އެއްވަނަ ދުވަހު އެއާޕޯޓު ހުޅުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މިނިސްޓްރީން ބުނީ މިހާރު ކުރިއަށްދަނީ އެއާޕޯޓު ހުޅުވުމުގެ ކުރިން ސިވިލް އޭވިއޭޝަނާއި ޓްރާންސްޕޯޓު މިނިސްޓްރީ އަދި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ހަދާ އޮޑިޓްގެ މަސައްކަތްތަށް ކަމަށެވެ. އަދި ފުނަދޫ އެއާޕޯޓުގެ ޓާމިނަލް ބިލްޑިންގެ މަސައްކަތް ނިންމާލާފައިވާއިރު މިހާރު ކުރިއަށްދަނީ ފަޔާ ބިލްޑިން އަދި ފަޔާ ޕޮންޑުގެ މަސައްކަތް ކަމަށެވެ.

ފުނަދޫ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަން ރީޖަނަލް އެއާޕޯޓްސް އިން މިހާރު ވަނީ އިއުލާނުކޮށްފައެވެ.

ފުނަދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. އެމްޓީސީސީން ތަރައްގީކޮށްފައިވާ އެ އެއާޕޯޓް މިދިޔަ އަހަރު ހުޅުވަން މަސައްކަތްކުރި ނަމަވެސް ފަހުން ވަނީ މިމަހުގެ ތެރޭގައި އެއާޕޯޓް ހުޅުވަން ނިންމައިފައެވެ. އަދި އިއްޔެ އަކީ އެ އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖައްސަން ވެސް ނިންމާފައިވާ ދުވަހެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެއާޕޯޓު ހުޅުވުން ވަނީ ފަސްކޮށްފައެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެފައިވަނީ މިއަހަރު ތެރޭގައި ހަތަރު އެެއާޕޯޓެއް ހުޅުވާނެ ކަމަށެވެ. އެއީ ފުނަދޫ އެއާޕޯޓުގެ އިތުރުން ޅ. މަޑިވަރު އެއާޕޯޓައި، ގދ. މާވާރުލު އެއާޕޯޓުގެ އިތުރުން ހއ. ހޯރަފުށި އެއާޕޯޓެވެ.