ވެރިކަމުގައި ދެމި ހުރެވޭނެ މުއްދަތު އިތުރުކުރެއްވުމަށް ރަޝިއާގެ ގާނޫނަށް އިސްލާހު ގެނައުމަށް އެގައުމުގެ ރައީސް ވްލޭޑްމިއާ ޕޫޓިން ހުށަހެޅުއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ރަޝިއާގެ ސަރުކާރު އިސްތިއުފާ ދީފިއެވެ.

ޕޫޓިން ހުށަހެޅުއްވި ހުށަހެޅުމަށް ރަޝިއާގެ އާންމުން ތާއީދު ކޮށްފިނަމަ، ރަޝިއާގެ ގާނޫނު ހަދާ މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ކަމަށް ޚަބަރު ލިބެއެވެ.

މިހާރު އޮތް ގޮތުން ޕޫޓިންގެ ރިޔާސީ ދައުރު ނިމުމަކަށް އަންނަނީ 2024 ވަނަ އަހަރުއެވެ. މިއީ ރަޝިއާގެ ރިޔާސަތުގައި ޕޫޓިން ހުންނަވާ 4 ވަނަ ދައުރުވެސްމެއެވެ.

އާ އިސްލާހުތައް ފަރުމާކޮށްފައި ވަނީ، ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން ޕޫޓިންގެ ބާރު، ރަޝިއާގެ މައްޗަށް ހިންގެވޭ ފަދަ ގޮތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޕޫޓިން އެންމެ ފުރަތަމަ މި އިސްލާހުތައް ހުށަހަޅުއްވާފައިވަނީ ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ސްޓޭޓް އޮފް ނޭޝަނަން ތަގުރީރުގައެވެ. އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން ދެން އަޑުއިވިގެންދިޔައީ، މި ބަދަލުތަކަށް މަގުފަހިކުރުމަށްޓަކައި ރަޝިއާގެ ސަރުކާރު އިސްތިއުފާ ދީއިވާކަމަށް އެގައުމުގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭފް އިއުލާންކުރެއްވި ޚަބަރެވެ. މެޑެވެޑޭފް މިކަން އިއުލާންކުރެއްވުންވީ، ރަޝިއާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި މެމްބަރުންނަށް ލިބުނު ސިހުމަކަށެވެ. ބޮޑުވަޒީރު އެކަން އިއުލާން ކުރެއްވިއިރު ސަރުކާރު އިސްތިއުފާ ދީފިކަން، ވަޒީރުންނަށްވެސް އެނގިވަޑައި ނުގަންނަވާކަމަށް ޚަބަރު ލިބެއެވެ.

ރަޝިއާގެ ގާނޫނަށް ޕޫޓިން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ގާނޫނުތަކަށް ލިބިދޭ ބާރު ހަނިކުރުމާ، ވެރިކަމުގައި ހުރެވޭނެ އެންމެ ދިގު މުއްދަތަކީ 2 ދައުރު ކަމުގައި އޮތް އޮތުން ބާތިލުކުރުމާ، ބޭރު ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ ފަރާތަކަށް ރައީސްކަމަށް ވާދަ ނުކުރެވޭނެ ގޮތަށް ހެއްދެވުން ފަދަ އިސްލާހުތައް ހިމެނެއެވެ.

ރަޝިއާގައި ގާނޫނަށް ގެނެވުނު އިސްލާހަކަށް އާންމުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް އެންމެ ފަހުން ނަގާފައިވަނީ 1993 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ވެރިކަމުގައި ހުންނެވީ ބޮރީސް ޔެލްޓްސިންއެވެ. 1999 ވަނަ އަހަރު ޔެލްޓްސިން އިސްތިއުފާ ދެއްވުމާއެކު ރަޝިއާގެ އެކްޓިންގް-ޕްރެޒިޑެންޓްގެ މަގާމާ ޕޫޓިން ހަވާލުވެވަޑައިގަތެވެ. ރަސްމީކޮށް ރަޝިއާގެ ރައީސްކަމުގެ މަގާމާ ޕޫޓިން ހަވާލުވެވަޑައިގަތީ ޖެހިގެން އައި އަހަރުއެވެ. ރަޝިއާގެ ގާނޫނު ބުނާ ގޮތުގައި ވެރިކަމުގައި އެއް ބޭފުޅަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން 2 ދައުރު ކަމަށްވާއިރު، 2008-2012 ވަނަ އަހަރުގެ ނިޔަލަށް ރަޝިއާގައި ރައީސްކަން ކުރެއްވީ މިހާރުގެ ބޮޑުވަޒީރު މެޑްވެޑޭފްއެވެ. ޕޫޓިންއާއި މެޑްވެޑޭފްގެ ގުޅުމަކީ ގާތް ގުޅުމަކަށްވާއިރު، މި ދެބޭފުޅުންވަނީ ވެރިކަމުގެ ބާރުތައް ހިއްސާކުރައްވާފައެވެ.

1999 ވަނަ އަހަރަށްފަހު ޕޫޓިން ގެންދަވަނީ ރަޝިއާގެ ބޮޑުވަޒީރުކަން ނުވަތަ ރައީސް ކަމުގެ މަގާމު އަދާކުރައްވަމުންނެވެ. ކަންމިހެން އޮތްއިރު، ރަޝިއާގެ ގާނޫނަށް ޕޫޓިން ހުށަހެޅުއްވި އިސްލާހަށް އާންމުންގެ ހިޔާލު ހޯދުމުގެ ނަމުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމުގައި މާ ބޮޑު ބޭނުމެއް ނެތްކަމަށް އެގައުމުގެ އިދިކޮޅު ލީޑަރު އެލެކްޒީ ނަވާލްނީ ވަނީ ބުނެފައެވެ.