ޓީވީއާއި ސިނަމާގެ އެންމެ ކާމިޔާބު އުފެއްދުންތަކަށް ހޮލީވުޑް ފޮރިން ޕްރެސްއިން ގޯލްޑަން ގްލޯބްސްއާއިއެކު މިއަހަރުގެ ހޮލީވުޑް އެވޯޑް ސީޒަން މިވަނީ ފެށިގެފައެވެ. ފިލްމީ އެވޯޑް ސީޒަންގައިވެސް އެންމެ ހާއްސަ ޝަރަފެއް ދެވިފައިވާ އެއް އެވޯޑް ކަމަށްވާ އޮސްކާގެ މިއަހަރުގެ ނޮމިނޭޝަން ލިސްޓު މިހާރު މިވަނީ އާންމުކޮށްފައެވެ.

ނިމިދިޔަ 2019 ވަނަ އަހަރުގެ ފިލްމީ އުފެއްދުންތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމުތަކާ ތަރިންގެ ނަންތައް ހިމަނައިގެން އެކުލަވާލާފައިވާ އޮސްކާ އެވޯޑްސް 2020ގެ ނޮމިނޭޝަން ލިސްޓުން އުނިވި ނުވަތަ އެ ލިސްޓުން ޖާގަ ނުލިބޭ ވިދުން ގަދަ ތަރިންނާ، މަޝްހޫރު ފިލްމުތަކެއް ހުރިކަން މިހާރު ދަނީ ފާހަގަކުރެވެމުންނެވެ.

ޖެނީފާ ލޯޕޭޒް (ޖޭލޯ)

ފިލްމް "ހަސްލާޒް"ގައި މަޝްހޫރު އެކްޓަރު އަދި ލަވަކިއުންތެރިޔާ ޖެނިފާ ލޯޕޭޒް (ޖޭލޯ)އަދާކޮށްފައިވަނީ ވަރުގަދަ ރޯލެއް ކަމާ މެދު ދެބަސްވި މީހަކު ނެތެވެ. ނާސިގެތަކުން ފިރިހެނުންނަށް ޑްރަގް ދީގެން އެމީހުންނަށް އިތުރު ފުރައްސާރަތަކެއް ކުރަމުންދިޔަ އަންހެންތަކެއްގެ ހަގީގީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، އުފައްދާފައިވާ މި ފިލްމުގެ ރޯލުން، އޮސްކާއަކާށް ޖޭލޯ ނޮމިނޭޓް ވާނެކަމަށް ގިނަ ބަޔަކު ވަކާލާތުކުރިއެވެ. ނަމަވެސް މި މަގާމު އޭނާއަށް ހައްގު ނޫންކަމަށް ނޮމިނޭޝަން ލިސްޓް އެވަނީ ބުނެފައެވެ.

އެޑީ މާފީ

ނިމިދިޔަ 2019 ވަނަ އަހަރަކީ، މިފަހުގެ ތާރީހެއްގައި، އެކްޓާ އަދި ކޮމީޑީއަން އެޑީ މާފީގެ އެންމެ ފުރިހަމަ މަސައްކަތެއް ފެނިގެންދިޔަ އަހަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވިއެވެ. "ޑޯލްމައިޓް އިޒް މައި ނޭމް"ގައި އޭނާ އަދާކޮށްފައިވާ ރޯލަށް ގިނަ ބައެއްގެ ތައުރީފު ލިބުކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތް އޮސްކާ އެވޯޑްސްގައި އެކަޑެމީގެ ސަމާލުކަމަށް އޭނާ އަރާގޮތް މިއޮތީ ނުވެފައެވެ.

ރޮބާޓް ޑެ ނީރޯ

2 ފަހަރެއްގެ މަތިން އޮސްކާ އެވޯޑްސް ހާސިލުކޮށްފައިވާ ޑެ ނީރޯ މިފަހަރުގެ އޮސްކާއަށް ނޮމިނޭޓްވީ ފިލްމް "ދި އައިރިޝްމަން"ގެ ޕްރޮޑިއުސަރެއްގެ ގޮތުގައެވެ. އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑަށް، އިތުރު 8 ފިލްމަކާއެކު "ދި އައިރިޝްމަން" ވާދަކުރާނެއެވެ. ނަމަވެސް އެކްޓަރުންގެ ލިސްޓުން ޑެ ނީރޯއަށްވެސް ފުރުސަތު ލިބޭ ގޮތެއް ނުވިއެވެ.

އެޑަމް ސޭންޑްލާ

ނިމިދޔަ 2019 ވަނަ އަހަރު އެންމެ ކާމިޔާބު ތަރިންގެ ލިސްޓުން ބެލުންތެރިން ޖާގަދިން އެކަކީ އެކްޓާ އެޑަމް ސޭންޑްލާއެވެ. "އަންކަޓް ޖެމްސް"ގައި އޭނާ އަދާކުރި ރޯލަށް ފާޑުކިއުންތެރިންގެ ތައުރީފުވެސް ލިބުނެވެ. ނަމަވެސް އޮސްކާ ނޮމިނޭޝަނަކާ ހިސާބަށްވެސް މިފަހަރު އެޑަމް ސޭންޑްލާއަށް ނުދެވުނީތީ ގިނަ ބަޔަކު އެކަމާ ހައިރާންވިކަން ފާހަގަކުރަންޖެހެއެވެ.

އަންނަ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު އޮންނަ 92 ވަނަ އޮސްކާ އެވޯޑްސް ހަފުލާއަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު، މިފަހަރުގެ ޝޯގައިވެސް ހޮސްޓެއް ފެނިގެން ނުދާނެކަން، އިތުބާރުހުރި ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.