ކޯލިޝަނުގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެއެއްގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ، ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން ތިލަދުން މައްޗަށް ކުރާ ދަތުރުގެ ތެރެއިން ހއ. އިހަވަންދޫއަށާއި ހއ. ހޯރަފުއްޓަށް ވަޑައިގެން، އެމްޑީޕީ ވެރިކަމުގައި އޮވެ ރައްޔިތުންނަށް ހިތްހަމަ ނުޖެހުން ނުލިބިގެން އުޅެނީ އެމަނިކުފާނުގެ ނަޒަރުގައި ކޯލިޝަންއާ ހެދި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން، ޑރ. ޖަމީލު ވިދާޅުވީ، ކޯލިޝަނާ ބެހޭގޮތުން ރައީސް ނަޝީދު އާ ވާހަކައެއް ވިދާޅެއް ނުވާ ކަމަށާއި، މަޖިލިސް އިންތިހާބުގައި ވެސް ކޯލިޝަނެއް ނެތް ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި އަމުދުން ކޯލިޝަނާއެކުގައި ހިނގޭނެ މަގެއް ނެތް ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޯލިޝަންުގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެއެއްގައި ކަމަށާއި، އެމީހުން ސިޔާސީ ބާރުވެރިކަމުން މަހުރޫމްވެ ނިމެނީ ކަމަށެވެ.

ރައްޔިތުންނަށް ހިތްހަމަ ނުޖެހުން ނުލިބިގެން އުޅެނީ ކޯލިޝަނާ ހެދި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އެގޮތުން، ނަޝީދަށް ރައްދު ދެއްވަމުން، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ، މި ސަރުކާރު ނުވެއްޓި އޮންނަނީ ކޯލިޝަންގެ ސަބަބުން ކަމަށެވެ. އަދި ރައްޔިތުންނަށް ހައްގު މިންވަރު ކަނޑައެޅި އިރުވެސް ކޯލިޝަން އޮތް ކަމަށާއި، ވެރިކަމަށް އައީ ކޯލިޝަނުންވެސް ކުރި މަސައްކަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ބައިވެރިންނަކީވެސް މުހިންމު ބައެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެއްވެސް ބަޔަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށް ހައްގުވާ މިންވަރު ދެއްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެގޮތުން އެތައް މަސައްކަތްތަކެއް މިހާރު ވެސް ފެށިގެން ކުރިއަށްދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދަށް ރައްދު ދެއްވަމުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވީ، ތާއީދު ހޯދަން ނުވަތަ ވޯޓް ހޯދަން ދެފަރާތުން ވެފައިވާ އެއްބަސްވުން އުވާލުމަކީ މުނާފިގުންގެ ސިފައެއް ކަމަށެވެ. އިލްޔާސް ވިދާޅުވީ ސަޕޯޓް ހޯދަން ނުވަތަ ވޯޓް ހޯދަން ދެފަރާތުން ވެފައިވާ އަހުދުތަކާއި ވައުދުތައް އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ތެދުވެރި އަމާނާތްތެރިންގެ ސިފައެއް ނޫން ކަމަށެވެ. އެއީ މުނާފިގުންގެ ސިފައެއް ކަމަށާއި އެފަދަ އަމަލުތައް ކުރާނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމުގެ ގޮތުން ކަމަށެވެ. ރައްޔިތުން އެކަންކަމާމެދު ވިސްނުމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.