މި ރެއިން ފެށިގެން ހިމަބިއްސަށް ފަރުވާދޭނެ ސެންޓަރެއް ހުޅުމާލޭގައި ގާއިމް ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ހިމަބިއްސަށް ފަރުވާ ދިނުމަށް މިރޭ 8:00 އިން ފެށިގެން ހުޅުމާލޭގައި ސެންޓަރެއް ހުޅުވަން ނިންމަވާފައިވާ ކަމަށެވެ.

އަދި ހިމަބިއްސަށް ޝައްކު ކުރެވޭ ފަރާތްތަކާއި ބަލި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދެމުން ގެންދާނީ އެތަނުން ކަމަށް ވިދާޅުވެފައިވީ ނަމަވެސް އެއީ ކޮން ތަނެއްކަމެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. މިނިސްޓްރީން ބުނީ ސެންޓަރު ހުންނަތަން ކޮންމެ ދުވަހަކު ބާއްވާ ޕްރެސްގައި ހާމަ ކުރާނެ ކަމަށެވެ.

އަމީން ވިދާޅުވީ، ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހުރިތޯ ބައްލަވާފައިވާ ކަމަށާއި، ރާއްޖޭގެ އެއްވެސް ހިސާބަކުން އެ ބަލި ޖެހިފައިވާ އިތުރު މީހަކު އަދި ދެނެގަނެވިފައިނުވާ ކަމަށެވެ. ނަމަވެސް ހުން އައިސްގެން ރިޕޯޓް ކޮށްފައިވާ 10 މީހެއްގެ އިތުރު ޓެސްޓް ހަދަމުން ގެންދާ ކަމަށް އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހިމަބިހި ފެތުރެމުން ދާއިރު، ވެކްސިން ދިނުން ހުއްޓާލި 3 އަހަރުގެ ކުއްޖަކަށާއި، 30 އަހަރުގެ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ. އަދި 17 އަހަރުގެ ކުއްޖަކަށް ޝައްކު ކުރެވިގެން ޓެސްޓުކުރުމުން އެކުއްޖާ ވަނީ ހިމަބިއްސަށް ނެގެޓިވް ވެފައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު، ރާއްޖެ ވެފައި ވަނީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާ އެކުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.