ވެކްސިން ޖެހުމާ ދެކޮޅަށް އާންމުންނަށް މައުލޫމާތުދޭ ވައިބާ ގްރޫޕެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ވެކްސިން ދިނުމާ ދެކޮޅަށް އާންމުންނަށް މައުލޫމާތުދޭ ވައިބާ ގްރޫޕެއް ހަދައިގެން އުޅޭ މައްސަލައެއް މިދިޔަ އަހަރު އެމުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ވެކްސިން ޖެހުމާ ދެކޮޅަށް މައުލޫމާތު ފަތުރާ ވައިބާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަންފަށާފައި ވާއިރު، ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށްވެސް މިދިޔަ އަހަރުން ފެށިގެން މިފަދަ މައުލޫމާތުތައް ބަޔަކު ދަނީ ފަތުރަމުންނެވެ.
މި ވައިބާ ގްރޫޕުގެ މައްސަލަ ފުލުހުން ބަލަން ފަށާފައި މިވަނީ މީސަލްސް ވެކްސިން ޑޯޒް ހަމަނުކޮށް ކުއްޖެއް ހިމަބިއްސަށް ޕޮޒިޓިވްވެ، އެ ބަލި ރާއްޖޭގައި ފެތުރެމުންދާ ކަމަށް ސަރުކާރުން އިއުލާނުކޮށްފައި ވަނިކޮށެވެ.
މިހާތަނަށް ހިމަބިއްސަށް 3 އަހަރުގެ ކުޑަ ކުއްޖަކާއި 30 އަހަރުގެ ފިރިހެނަކުވެސް ވަނީ ޕޮސިޓިވް ވެފައެވެ. 30 އަހަރުގެ ފިރިހެން މީހާއަށް މިހާރުވެސް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.
އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު، ރާއްޖެ ވެފައި ވަނީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާ އެކުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.
ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރި ކުރުމަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސަލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ކަނޑައަޅާފައިވީ ނަމަވެސް ރާއްޖެއަކީ މީސްލްސް ފަދަ ބަލިތައް އުޅޭ ގައުމުތަކުން ވަރަށް ގިނަ މީހުން ޒިޔާރަތްކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ މީހުންވެސް މިފަދަބަލިތައް އުޅޭ ގައުމުތަކަށް ޒިޔާރަތް ކުރެއެވެ. އެގޮތުން 2017 އަހަރާއި 2018 ވަނަ އަހަރުވެސް ރާއްޖެއިން ބޭރުން ދެ ދިވެހިންނަށް ހިމަބިހި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދީފައިވެއެވެ.