ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އަނބުރާ ގެންދިއުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ގައުމަށް ގައްދާރުވި މައްސަލާގައި މުޝައްރަފުގެ މައްޗަށް އިއްވި މަރުގެ ހުކުމް ބާތިލުކޮށްފައިވަނީ އެ ހުކުމް އިއްވި ޝަރީއަތުގެ މަރުހަލާތައް ކުރިއަށް ގެންގޮސްފައިވަނީ ގާނޫނީ އިމުން ބޭރުން ކަމަށް ކަނޑައެޅުމަށްފަހުގައެވެ.

މުޝައްރަފުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު އިއްވީ އެކަމަށް ހާއްސަކޮށްގެން އެކުލަވާލި ކޯޓަކުން ކަމަށްވާއިރު، މުޝައްރަފުވަނީ އެކަމަށްވެސް ގޮންޖަހާފައެވެ.

މަރުގެ ހުކުމް އިސްތިއުނާފު ކުރުމަށް މުޝައްރަފު ހުށަހެޅި މައްސަލައިގެ ހުކުމުގައި ލާހޯރުގެ ހައި ކޯޓުން ބުރަވީ މުޝައްރަފާ އެއްކޮޅަށެވެ. މިއާއެކު މުޝައްރަފަކީ 'މިނިވަނެއް' ކަމަށް ޕްރޮސެކިއުޓަރު ވަނީ އިއުލާންކުރައްވާފައެވެ.

ގައުމަށް ގައްދާރުވިކަމުގެ ދައުވާ މުޝައްރަފާ ދެކޮޅަށް އުފުލީ، 2007 ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ގާނޫނު އަސާސީ އުވާލާ، ކުށްލި ހާލަތު އިއުލާންކުރި މައްސަލާގައެވެ. ދިގުލާ ދިޔަ މިމައްސަލާގައި މުޝައްރަފާ ދެކޮޅަށް އިއްވި ހުކުމް ސައްހަ ނޫންކަމަށް ހައިކޯޓުން ކަނޑައަޅާފައި އޮތުމާ، މުޝައްރަފާ ދެކޮޅަށް މިވަގުތު އެއްވެސް ޝަރިޔަތެއް ކުރިއަށް ނުދާތީ މިހާރު އޭނާއަކީ މިނިވަނެކެވެ. ނަމަވެސް އޭނާ އަދިވެސް ހުރީ، އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައެވެ.