ތާއީދު ހޯދަން ނުވަތަ ވޯޓް ހޯދަން ދެފަރާތުން ވެފައިވާ އެއްބަސްވުން އުވާލުމަކީ މުނާފިގުންގެ ސިފައެއް ކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ރައްދު ދެއްވައިފިއެވެ.

އިލްޔާސް މިގޮތަށް ރައްދު ދެއްވާފައި މިވަނީ އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް އުފެދިފައިވީ ނަމަވެސް ރަށްރަށުގައި ތިބި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އަދިވެސް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭ ކަމަށާއި އޭގެ ސަބަބަކީ ސަރުކާރު ހިންގުމަށް ހަދާފައިވާ ކޯލިޝަން ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެނެވެ.

އިލްޔާސް ވިދާޅުވީ ސަޕޯޓް ހޯދަން ނުވަތަ ވޯޓް ހޯދަން ދެފަރާތުން ވެފައިވާ އަހުދުތަކާއި ވައުދުތައް އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ތެދުވެރި އަމާނާތްތެރިންގެ ސިފައެއް ނޫން ކަމަށެވެ. އެއީ މުނާފިގުންގެ ސިފައެއް ކަމަށާއި އެފަދަ އަމަލުތައް ކުރާނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމުގެ ގޮތުން ކަމަށެވެ. ރައްޔިތުން އެކަންކަމާމެދު ވިސްނުމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގެ ތެރެއިން އިއްޔެ ހއ. އިހަވަންދޫއަށް ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮވެ ރައްޔިތުންނަށް ހިތްހަމަ ޖެހުން ނުލިބިގެން އުޅެނީ އެމަނިކުފާނުގެ ނަޒަރުގައި ކޯލިޝަންއާ ހެދި ކަމަށެވެ.

"މި ޕާޓީގެ މެންބަރުންނަށް ވެސް އަދި މި ޕާޓީގެ މަސައްކަތުގައި އެތައް ޒަމާނެއް އުޅުނުހާ މީހުނަށް އަދި ރައްޔިތުންނަށް ވެސް ހައްގުވާ މިންވަރު ނުލިބި މި ދަނީ އެބައި އެހެން ތަންތަނަށް އަޅަން ޖެހޭ މިންވަރުން. އެއީ ސަރުކާރު އުފެދުނު ގޮތް. ސަރުކާރަށް އަޅުގަނޑުމެން އައީ މި ދެންނެވި އިންތިޒާމުގެ ތެރެއިން. އެހެން ޕާޓީތަކާ ގުޅިގެން."
ރައީސް ނަޝީދު

މި ސަރުކާރު އުފެދުނީ ކޯލިޝަނެއްގެ ތެރެއިންކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައްޔިތުން އެމްޑީޕީ ހޮވަން ބޭނުންވި ވަރު ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގައި ކަން ފާހަގަ ކުރައްވާ ނަޝީދު ވަނީ، މި ސަރުކާރު ރައްޔިތުންނަށް ޖަވާބުދާރީ ވެފައިވާ ކަމަށް ވިދާޅުވެފައެވެ.