ހިމަބިއްސަށް ޝައްކު ކުރެވޭ ތިންވަނަ ފަރާތެއް ފެނިއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ހިމަބިއްސަށް ޝައްކު ކުރެވޭ، އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން މި ހަފްތާތެރޭގައި 3 އަހަރުގެ ކުޑަ ކުއްޖަކުވެސް ވަނީ ހިމަބިއްސަށް ޕޮސިޓިވް ވެފައެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ހިމަބިހީގެ އިތުރު ކޭސްއަކާއި، ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިފައި ވާކަމަށެވެ. އަދި ބައްޔަށް ޝައްކުކުރެވޭ ފަރާތުގެ ޓެސްޓްތައް ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހޮސްޕިޓަލަށް ހިމަބިއްސަށް ޝައްކު ކުރެވިގެން ފަރުވާ ދީފައިވަނީ އަދި ދެ ކުއްޖަކަށް ކަމަށެވެ. އެއީ އުމުރުން 3 އަހަރުގެ ކުއްޖާއާއި 17 އަހަރުގެ ކުއްޖާ ކަމަށާއި، މީގެއިތުރުން އިތުރު ފަރާތެއް ހިމަބިއްސަށް ޝައްކު ކުރެވިގެން ފަރުވާދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ހިމަ ބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ނަމަވެސް މިހާރު މި ބަލި ރާއްޖެއިން ފެނިގެން މިދާ ދަނޑިވަޅަކީ ރާއްޖޭގައި ކުޑަކުދިންނަށް ވެކްސިން ނުދީ އުޅޭ ބައެއް ފަރާތްތައް ހާމަވެެން ގޮސްފައިވާ ދުވަސްވެރެއް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުދިންނަށް ވެކްސިން ނުދީ ކުދިން ސްކޫލަށް ނުފޮނުވާ ބައެއް ފަރާތްތައް ފާހަގަކުރެވި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެ ކުދިންގެ މައިންބަފައިންނަށް ނަސޭހަތްތެރިވެފައި ވެސް ވެއެވެ. ނަމަވެސް، އަދިވެސް ފާޅުގައި ވެކްސިން ނުދޭނެ ކަމަށް ބުނެ އިންކާރުކޮށް، ވެކްސިން ނުދީ ގެންގުޅޭ ކުދިން ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ.

ވެކްސިން ނުދޭ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުންނަ ކަމަށް ޑރ. ފައިސަލް ތުހުމަތު ކުރައްވާފައި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ތިން އަހަރުގެ ކުއްޖަކު ހިމަބިހި (މީސަލްސް) ޖެހިފައިވާ ކަމަށް ޝައްކުކުރެވުމާ ގުޅިގެން ކުރި ޓެސްޓް ތަކުން އެކުއްޖާ ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކަން ހާމަވެފައި ވަނިކޮށެވެ. އެ ކުއްޖާއަކީ 9 މަހުގަ އާއި 18 މަހުގައި ދޭންޖެހޭ މީސަލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކޮށް ހުރި ކުއްޖެކެވެ. މީގެ އިތުރުން ވެސް 17 އަހަރުގެ ކުއްޖަކު ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ޓެސްޓު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ތުހުމަތު ކުރެއްވުމާ ގުޅިގެން، އެ ސްކޫލާ ބެހޭ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާ ކޮށްދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ވެކްސިން ނުދީ ކުދިން ފޮނުވާ ސްކޫލެއް އައްޑޫގައި ހުންނަ ކަން ކައުންސިލުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ވިދާޅުވެފައެވެ.