މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން މާލެ ސިޓީގައި ދެއްވާ ދަރުސް މާދަމާރޭ 8:30 ގައި ކާނިވާ ސްޓޭޖުގައި އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރުގައި މާލެ ސިޓީއާއި އައްޑޫ ސިޓީ އަދި ކުޅުއްދުއްފުށި ސިޓީގައި ދީނީ ދަރުސް ދެއްވުމަށް ހަމަޖެހިފައި ވާ ކަމަށެވެ. އަދި ޒުވާނުންނަށާއި ދީނީ އިލްމުވެރިންނަށް ހާއްސަ ދީނީ ޕްރޮގްރާމްތަކެއް ވެސް ކުރިއައް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހެވެ. އަދި 14 ވަނަ ދުވަހުގެ ރޭ މާލޭގައި ދަރުސެއް ދެއްވުމަށްފަހު 15 ވަނަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެން ދަރުސެއް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާއިރު، 17 ވަނަ ދުވަހަށްވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވަން ހަމަޖެހިފައިވަނީ ވެސް މުފްތީ މެންކެވެ.

މުފްތީ މެންކް، ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 18 ވަނަ ދުވަހެވެ. ފުރާވަޑައިގެންނެވުމުގެ ކުރިން ޒުވާނުންނަށް ނަސޭހަތް ދިނުމާއި، ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ހާއްސަ ސެޝަނެއް ނަގައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ފަހަކަށް އައިސް ކޮންމެ އަހަރަކުހެން މުފްތީ މެންކް ގެންދަވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވައި ދަރުސް ދެއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވެސް ވަނީ މާލެ އާއި އައްޑޫގައި ދަރުސް ދެއްވައިފައެވެ.