އަލިފާން ފަރުބަދަ ގޮވުންފަދަ ގުދުރަތީ ކާރިސާތައް އާންމުކޮށް ހިނގަމުން އަންނަ ފިލިޕީންސްގެ ތާލް އަލިފާން ފަރުބަދައިން ގިނަ އަދަދަކަށް އަޅި ބޭރުވާން ފެށުމާއެކު، އެ އަލިފާން ފަރުބަދަ ހުރި ސަރަހައްދުގައި ދިރިއުޅެމުންދާ 8000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން އަމުރުކޮށްފިއެވެ.

ވެރިރަށް މެނީލާގެ ދެކުނުން އޮންނަ ސަރަހައްދެއްގައި ހުންނަ ތާލް އަލިފާން ފަރުބަދައިން ބޭރުވަމުންދާ އަޅިތައް، ޖައްވުގެ ތެރެއަށް ކިލޯމީޓަރެއްހާ އުސްމިނަށް އަރަމުންދާކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން އަލިފާން ފަރުބަދައިން ގަދަ އަޑުފައްގަނޑެއް އިވެމުންދާކަމަށާ، ކޮންމެވެސް ވަރެއްގެ ލޮޅުންތަކެއްވެސް އެ ސަރަހައްދުން އިހުސާސްކުރެވެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ތާލް އަލިފާން ފަރުބަދައަކީ ފިލިޕީންސްގައި ހުރި އަލިފާން ފަރުބަދަތަކުގެ ތެރެއިން 2 ވަނައަށް އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދައެވެ. ކަންމިހެން އޮތްއިރު، އެލާޓް ލެވަލް މަތިކޮށް، ކުރިއަށް އޮތް މަދު ހަފުތާ ކޮޅެއްގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ވަރުގެ، ވަރުގަދަ ގޮވުމަކުން އެ ފަރުބަދަ ގޮވާފާނެ ކަމުގެ އިންޒާރު، ކަމާބެހޭ ފަރާތްތަކުންވަނީ ދީފައެވެ.

ތާލް އަލިފާން ފަރުބަދައިން ގިނަ އަދަދަކަށް އަޅި ބޭރުވަމުންދާތީ، މެނީލާ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންތައްވެސް މިވަގުތު އޮތީ ސަސްޕެންޑްކޮށްފައެވެ. އަދި އަލިފާން ފަރުބަދައާއި ކައިރި ހިސާބުތަކަށް 'ވޮލްކޭނިކް ސުނާމީ'އެއްގެ އިންޒާރުވެސް ވަނީ ދީފައެވެ.

އަލިފާން ފަރުބަދަ ހުރި ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އަލިފާން ފަރުބަދައިން އަޅި ބޭރުވާން ފެށި ވަގުތު އެސަރަހައްދުގައި ހުރި މީހަކު ކިޔައިދީފައިވާ ގޮތުގައި، އަލިފާން ފަރުބަދައިން އަޑުފައްގަނޑެއް އިވެމުންދިޔަ ކަމަށާ، އެ ފަރުބަދައިން އަޅިބޭރުވަމުން ގޮސް، އޮއްގަލުގެ ވާރޭހެން ބިމަށް ފަރުބަދައިގެ ހިލަކޮޅުތައް ފައިބަމުން ދިޔައެވެ.

ވާރޭފެނާ އެކުވެގެން ބިމަށް އަޅި-ޗަކަ ފައިބަމުންދާތީ މި ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން މަގުތަކަށް ނިކުމެ އުޅެނީ ގަޔަށް ޕްލާސްޓިކް ކޮތަޅު ލައްވައިގެންކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާން ފަރުބަދައިން ގިނަ އަދަދަކަށް އަޅިބޭރުވާން ފެށި ވަގުތަކީ އެ އަލިފާން ފަރުބަދައަށް ޒިޔާރަތްކުރުމަށްފަހު، 8 ފަތުރުވެރިއަކާ 2 ޓުއާ ގައިޑުން އެނބުރި އަންނަން ދަތުރުފެށި ވަގުތުކަމަށް ފިލިޕީންސްގައި ފަތުރުވެރިކަމުގެ ދަތުރުތައް އިންތިޒާމުކުރާ އިނގިރޭސިވިލާތުގެ ކުންފުންޏަކުން ވަނީ ބުނެފައެވެ. އެމީހުންނަށް ސަލާމަތްވެވުނީ ކިރިޔާކަމަށްވެސް ޚަބަރު ލިބެއެވެ.

ދާދިފަހުން ނިއުޒީލަންޑްގައިވެސް ފަތުރުވެރިން ޒިޔާރަތްކުރަމުންދިޔަ އަލިފާން ފަރުބަދައެއް ގޮވި ހާދިސާއެއްގައި ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ފިލިޕީންސްގެ ތާލް އަލިފާން ފަރުބަދަ ހުންނަ ސަރަހައްދަކީ ބައެއް ދިވެހިންވެސް ދިރިއުޅެމުންދާ ހިސާބެއް ކަމަށް މައުލޫމާތު ލިބެމުންދިޔަ ކަމުގައި ވީ ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އަދި މިކަން ހާމަކޮށްފައެއް ނުވެއެވެ.