އަންނަ އޭޕްރީލްް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީގައި ވާދަކުރަން 1،300 އަށް ވުރެ ގިނަ މީހުން ފޯމު ލައިފިއެވެ.

އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު މިއަދު ވިދާޅުވީ މުއްދަތު ހަމަވިއިރު ޕްރައިމަރީގައި ބައިވެރިވާން ހުށަހެޅި ފޯމުގެ ތެރެއިން 1،364 ފޯމު ބަލައިގެންފައިވާ ކަމަށެވެ.

މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 9:00 ގައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ މިދިޔަ އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ. އަދި އިންތިހާބުގައި ވޯޓު ލެވޭނީވެސް މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ވެސް ބަންދުވެފައިވާއިރު، ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓު އާންމު ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިހާރު ހަމައެކަނި ހުޅުވާލާފައިވަނީ ސިޓީއެއްގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވި ކުޅުދުއްފުށީގެ ޕްރައިމަރީއަށް ކުރިމަތިލާށެވެ. އެސިޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އިއްޔެ އިން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ މިދިޔަ މަހު ފަހުކޮޅުއެވެ. ނަމަވެސް އޭރު ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ރައީސް ކަނޑައަޅުއްވާފައި ނުވާތީ އެ ސިޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާ ނުލައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އޭޕްރީލް ހަތަރު ވަނަ ދުވަހުއެވެ. ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.