ބ. ފުޅަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ފުޅަދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެމަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެރަށުގެ ބަނދަރަކީ 48 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ބަނދަރެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ޕްލޭނިން މިނިސްޓްރީން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައިއެވެ.

މިމަޝްރޫއުގެ ދަށުން ބަނދަރުގެ ބޭރުތޮށިލުމާއި ރިވެޓްމެންޓް ޖެހުމާއި އެތެރެ ތޮށިލުމާއި އަދި މޫރިން ބްލޮކްސްލުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މަޝްރޫއުގެ ދަށުން، އެމްޓީސީސީން ފުޅަދޫ ބަނދަރު 54،861 ކިއުބިކް މީޓަރަށް ހިއްކާނެއެވެ. އަދި އެރަށުގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވަނީ 108 މީޓަރަށް ކަމަށާއި ރިވެޓްމަންޓް ޖެހުމަށް ހަމަޖައްސާފައިވަނީ 302 މީޓަރުގެ ސަރަހައްްދެއްގައެވެ. އެތެރެ ތޮށި ލުމަށް ހަމަޖައްސާފައިވަނީ 223 މީޓަރަށެވެ.

މި މަސައްކަތްތަކުގެ އިތުރުންވެސް އެރަށު ބަނދަރު ބައްތި ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ރޭމްޕެއް ލުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފުޅަދޫ ބަނދަރު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމާށެވެ.