ކުރިއަަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހދ. ކުޅުދުއްފުށި ސިޓީގެ ގޮނޑިތަކަށް ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅާލައިފިއެވެ.

އެމްޑީޕީން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ މިދިޔަ މަހު ފަހުކޮޅުއެވެ. ނަމަވެސް އޭރު ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ރައީސް ކަނޑައަޅުއްވާފައި ނުވާތީ އެ ސިޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވައެއް ނުލައެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީން އިންތިހާބު ކުރަނީ މޭޔަރާއެކު ހަ ކައުންސިލް މެންބަރުންނެވެ. އެ ހަ ދާއިރާގެ ތެރެއިން އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން ނެގި ގުރުއަތުން ހޮވިފައިވަނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާއެވެ.