އުމުރާ އެކަށީގެންވާ ތަވަލާ އެއްގޮތަށް ވެކްސިން ހަމަނުކޮށް ތިބި 500 އަށްވުރެ ގިނަ ކުދިންނަށް ކުލާސްތަކަށް ހާޒިރު ނުވެވޭ ގޮތަށް ވޮޝިންގްޓަންގެ ސިޓީއެއް ކަމަށްވާ ސިއޭޓަލްގެ ސްކޫލަކުން ހަމަޖައްސައިފިއެވެ.

ފިނި މޫސުމުގެ ބަންދަށްފަހު ސިއޭޓަލްގެ ދަރިވަރުން އެނބުރި ސްކޫލްތަކަށް ދާން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ސިއޭޓަލް ޑިސްޓްރިކްޓްގެ ސުޕްރިންޓެންޑެންޓް ޑެނީސް ހެނޯ ވިދާޅުވީ، އެ ޑިސްޓްރިކްޓްގައި، ކުލާސްތަކަށް ހާޒިރުވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ވެކްސިން ޑޯޒް ހަމަނުކޮށް ތިބި 565 ދަރިވަރިވަކު ފާހަގަކުރެވިފައިވާކަމަށެވެ. އަދި ދަރިވަރުންނަށް ކުލާސްތަކަށް ނުވަދޭނެކަން އެނގިފަހުން، ފުރަތަމަ ދުވަހުގެ ސެޝަން ނުނިމެނީސް، މިއަދަދު 476އަށް ވެއްޓުނުކަމަށްވެސް އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ގަވައިދުން ވެކްސިން ދީފައި ނުވާ ކުދިންނާ އެއްވެސް ވަރަކަށް ވެކްސިން ދީފައި ނުވާ ކުދިންނާ މެދު އެމެރިކާގެ ސަރަހައްދަކުން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ، ވެކްސިންއާއި ދެކޮޅަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު އެކި ފިކުރުގެ ކެމްޕޭންތަކެއް ހިންގާ، އެކަމުގެ އަވާގައި ގިނަ ބަޔަކު ޖެހިފައިވާ ދަނޑިވަޅެއްގައެވެ.