ބައިގަރުނެއްހާ ދުވަސް ވަންދެން އޮމާންގެ ވެރިޔާގެ މަގާމުގައި ހުންނެވި ސުލްތޯން ގާބޫސް އަވަހާރަވުމާއެކު، އެގައުމުގެ ވެރިޔާގެ މަގާމަށް ހައިސަމް ބިން ތޯރިގު އަލް-ސައީދު އައްޔަން ކުރައްވައިފިއެވެ.

މިއަދުގެ ވަގުތެއްގައި އަވަހާރަވި ގާބޫސްއާއި ދެބެންގެ ދެދަރިފި ބޭފުޅެއްކަމަށްވާ ހައިސަމް މިހާރު ވަނީ މަގާމުގެ ހުވާ ކުރައްވާ، އެކަމަށް ބައިއަތު ހިއްޕަވާފައިކަމަށްވެސް މެދުއިރުމަތީގެ ބައެއް ރިޕޯޓްތައް ބުނެއެވެ.

އޮމާންގެ ސަރުކާރުން އަދި މިކަމާ ގުޅޭ ރަސްމީ ބަޔާނެއް އާންމުކުރައްވާފައެއް ނުވެއެވެ.

އޮމާންގެ އާ ސުލްތޯން ހައިސަމް މީގެ ކުރިން ހުންނެވީ އެ ގައުމުގެ މިނިސްޓާ އޮފް ހެރިޓޭޖް އެންޑް ކަލްޗާ ކަމުގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ އޮމާން ހާރިޖިއްޔާގެ އިސް މަގާމުތަކެއްވެސް އަދާކުރައްވާފައެވެ.

އުމުރުފުޅުން 79ގައި ސުލްތޯން ގާބޫސް އަވަހާރަވިއިރު އޭނާގެ އެއްވެސް ދަރިކަލަކުވެސް އަދި އެއް ލޭ ހިނގާ ސީދާ އަޚެއްވެސް ނެތެވެ. ސުލްތޯން ގާބޫސްއަކީ އޮމާންގެ ކުރީގެ ސުލްތޯންގެ ހަމައެކަނި ދަރިކަލުންނެވެ.