ފާއިތުވެދިޔަ 40 އަށްވުރެ ގިނަ އަހަރު އޮމާންގެ ވެރިޔާގެ މަގާމުގައި ހުންނެވި އެގައުމުގެ ސުލްތޯން ގާބޫސް ބިން ސައީދް އަލް ސައީދު އަވަހާރަވެއްޖެއެވެ.
ސުލްތޯން ގާބޫސް އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މީލާދީން 1940 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ސުލްތޯން ގާބޫސް އަވަހާރަވުމާއެކު އޮމާންގައި ވަނީ ގައުމީ ހިތާމައިގެ 3 ދުވަސް އިއުލާންކޮށްފައެވެ. ކަންމިހެން އޮތްއިރު، ސުލްތޯން ގާބޫސްއަށް ފަހު އޮމާންގެ ވެރިޔާގެ މަގާމަށް ދެން އިސްކުރެވިގެންދާނީ ކާކުކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.
ސުލްތޯން ގާބޫސްއަކީ އޮމާންގެ ވެރިރަށް މަސްކެޓްއިން ޕޯޗުގީޒުން ފައްސާލުމަށްފަހު 1600ގެ އަހަރުތަކުގެ ތެރޭގައި އެގައުމުގައި ގާއިމުކުރި އަލް ބޫ ސައީދު ވިރާސީ ހާންދާނާ ސީދާ ގޮތުން އާއިލީ ގުޅުން އޮންނަ ޝަހްސެކެވެ.
ސުލްތޯން ގާބޫސް ތައުލީމު ހާސިލުކުރެއްވީ އިންޑިއާގެ އިތުރުން ސަންދުރަސްތްގެ ރޯޔަލް މިލިޓަރީ އެކަޑަމީއިންނެވެ. އިނގިރޭސި އަސްކަރިއްޔާގެ މޭސްތިރިކަމުގެ ދަށުން ޖަރުމަނުވިލާތުން އަސްކަރީ ތަމްރީނު ފުރިހަމަ ކުރެއްވުމަށްފަހު ސުލްތޯން ގާބޫސް ވަނީ ލޯކަލް ގަވަމަންޓްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ. އެއަށްފަހު، ސަގާފަތްތައް ދަސްކުރެއްވުމަށް ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރެއްވުމަށްފަހު އެނބުރި އޮމާންއަށް ވަޑައިގެންނެވީ 1964 ވަނަ އަހަރުއެވެ. އެއަށްފަހު ސުލްތޯން ގާބޫސް ދުވަސްތައް ހޭދަކުރައްވާފައިވަނީ އޮމާންގެ ތާރީހާ އިސްލާމީ ގާނޫނު ދަސްކުރެއްވުމުގައެވެ.
އެއްވެސް ވަރެއްގެ ލޭ އޮހުރުވުމެއް ފެނިފައި ނުވާ ބަގާވާތެއްގައި، ބައްޕާފުޅުގެ އަތުން އޮމާންގެ ވެރިކަން ގާބޫސް ހޯއްދެވީ 1970 ވަނަ އަހަރުއެވެ. އޭރު އޮމާންއަކީ ބައިނަލްއަގުވާމީ ދުނިޔެއާއި އެކަހެރިވެފައި އޮތް، ފަގީރު ދައުލަތެކެވެ.
އެއަށްފަހު، ފާއިތުވި ބައި ގަރުނެއްހާ ދުވަހު އޮމާންގެ ސުލްތޯންގެ މަގާމުގައި ހުންނަވައިގެން ގާބޫސް ވަނީ އެގައުމަށް އާދަޔާ ހިލާފު ތަރައްގީއާއި ކުރިއެރުން ގެނެސްދެއްވާފައެވެ. އެގައުމަށް ލިބިފައި އޮތް ތެލުގެ މުއްސަނދިކަމުން ނަފާ ހޯއްދަވައިގެން ގަލްފް ސަރަހައްދުގެ ތަނަވަސް ގައުމަކަށް އޮމާން ހެއްދެވިއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަގުބޫލު މަންޒިލެއްކަމުގައި އޮމާން ހެއްދެވިއެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު، އިންތިހާއަށް ތަނަވަސްވެ ހެޔޮވެގެންދިޔައީވެސް ސުލްތޯން ގާބޫސްގެ ވެރިކަމުގައެވެ.
ޕޮލިޓިކަލް ސައިންސްގެ ތަޖުރިބާކާރުން އިއްތިފާގުވާ ގޮތުގައި ސުލްތޯން ގާބޫސްއަކީ 'އޮމާން އިންގިލާބު'ގެ ހަގީގީ ބާނީއެވެ. އިޖުތިމާއީ، އިގުތިސޯދީ، އަދި ސަގާފީ ރޮނގުން މުޅި ދުނިޔެއަށް އޮމާން ހުޅުވާލެއްވި މޭސްތިރިއަކީ ސުލްތޯން ގާބޫސް ކަމާމެދު ދެބަސްވާނެ މީހަކު ނެތެވެ.
ދީނީ އަދި ސިޔާސީ ގޮތުން ގަބޫލުކުރަމުންދިޔަ ވަކި އުސޫލުތަކެއް ދޫނުކުރަން ތިބި ބަޔަކު ދިރިއުޅެމުންދިޔ.މަޖެއްސެވުން ފަދަ ކަންކަމަކީ ސުލްތޯން ގާބޫސްގެ ވެރިކަމުގެ ތެރޭގައި ފެނިގެންދިޔަ ބައެއް ކަންކަމެވެ.
ސަރަހައްދީ ފެންވަރުގައި ސުލްތޯން ގާބޫސް
ސުލްތޯން ގާބޫސްގެ ވެރިކަމުގެ ދުވަސްވަރަށް ބަލާއިރު މެދުވެރިއެއްގެ ގޮތުގައި މެދުއިރުމައްޗާ އަރަބި ގަލްފް ސަރަހައްދު ސުލްހަ ކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިކަން ފާހަގަކުރެވެއެވެ. އެގޮތުން މިހާރުވެސް ކުރިއަށްދާ ޔަމަނު ހަނގުރާމަ ސުލްހަ ކުރެއްވުމަށްޓަކައި ހަނގުރާމައިގެ ބައިވެރިންނާއެކު ސުލްހައިގެ މަޝްވަރާތަކުގައި ޚުދު ސުލްތޯން ގާބޫސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ގައުމުތަކުން ގަތަރާ ގުޅުންކަނޑާލިއިރު، އޮމާންއިން ހިޔާރުކުރީ އެކަމުން ދުރުވުމަށެވެ.
އަރަބި ގައުމުތަކަށް 2011 ވަނަ އަހަރު އައި އަރަބި ބަހާރުގެ އިންގިލާބުތަކުންވެސް ސުލްތޯން ގާބޫސް ވަނީ ދިފާއު ހޯއްދަވާފައެވެ. އޮމާންގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ނިކުތް ހިސާބުން ސުލްތޯން ގާބޫސް ވަނީ ސަރުކާރުގެ އޮނިގަނޑަށް ބަދަލު ގެންނަވާ، ގައުމު ސުލްހަ ކުރައްވާ، ވެރިކަން ދިފާއު ކުރައްވާފައެވެ. އަދި އޮމާންގައި ފުރަތަމަ ފަހަރަށް މުނިސިޕަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ހުޅުވާލެވިގެންދިޔައެވެ.
ދެން ވެރިކަމަށް ވަޑައިގަންނަވާނީ ކާކު؟
ސުލްތޯން ގާބޫސްއަށްފަހު އޮމާންގެ ވެރިކަމުން ދެން ފެނިގެންދާނެ ޝަހްސަކާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ. މިކަން ވެގެންދާނީ އަލް-ސައީދު ހާންދާނުގައި އެންމެ ހޫނުކޮށް ބަހުސްކުރެވިގެންދާނެ މައުލޫއަށެވެ.
ސުލްތޯން ގާބޫސްއަކީ ހަމައެކަނި އޮމާންގެ ވެރިޔާއެއް ނޫނެވެ. ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެން ސުލްތޯން ގާބޫސްވަނީ އެގައުމުގެ ބޮޑުވަޒީރާ، ދިފާއީ ވަޒީރުގެ އިތުރުން މާލީ ވަޒީރާ، ހާރިޖީ ވަޒީރުކަމުގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރަކީ އޭނާ ކަމުގައި ކަނޑައަޅުއްވާފައެވެ. މިއާއެކު މި ހުރިހާ މަގާމަކަށްވެސް ބޭފުޅުން އައްޔަން ކުރަން އަލް-ސައީދު ހާންދާނަށް މަޖުބޫރުވާނެއެވެ.
ސުލްތޯން ގާބޫސްއަކީ އޮމާންގެ ކުރީގެ ވެރިޔާ ސުލްތޯން ސައީދު ބިން ތައިމޫރްއާއި އަމީރާ މަޒޫން އަލް-މަޝާނީއަށް އުފަންވި ހަމައެކަނި ދަރިފުޅެވެ. ދެބެންގެ ދެދަރިކުއްޖަކާ ސުލްތޯން ގާބޫސް ކައިވެނިބައްލަވައިގަތީ 1976 ވަނަ އަހަރުއެވެ. ނަމަވެސް އެކައިވެނި ދެމި އޮންނަ ގޮތް ނުވެ، އެކައިވެނި ރޫޅުނެވެ. އޭގެ ފަހުން ސުލްތޯން ގާބޫސް ދެވަނަ ކައިވެންޏެއް ކުރައްވާފައި ނުވާއިރު، ސުލްތޯން ގާބޫސްއަށް ދަރިއަކު ލިބިވަޑައިގެންފައެއް ނުވެއެވެ.
އުފަން ދަރިން ނުވަތަ ލޭގެ ގޮތުން ސީދާ ގުޅޭ އަޚުން ނެތްކަމަށް ވަނީ ނަމަ ވިރާސީ ހާންދަނަކުން ދެން ވެރިކަމަށް އަންނާނެ ފަރާތެއް ކަނޑައެޅުމަކީ މާ ފަސޭހަކަމެއް ނޫނެވެ. 1996 ވަނަ އަހަރުގެ ތެރޭގައި ސުލްތޯން ގާބޫސް އާންމުކުރެއްވި އޮމާންގެ ގާނޫނު އަސާސީ ބުނާ ގޮތުގައި ސުލްތޯން ކަމުގައި ހުންނަވާ ބޭފުޅަކު އަވަހާރަވެއްޖެ ހިނދެއްގައި ގައުމުގެ ވެރިއަކު އައްޔަން ކުރާނީ ޝާހީ އާއިލާގެ މެމްބަރުންގެ ތެރެއިންނެވެ. އެމީހަކު އައްޔަން ކުރާނީ ޝާހީ އާއިލާގެ ކައުންސިލުން ކަމަށާ، ސުލްތޯން އަވަހާރަވާތާ 3 ދުވަހުގެ ތެރޭގައި އާ ސުލްތޯންއެއް އައްޔަން ކުރަންޖެހޭނެ ކަމަށްވެސް މި ގާނޫނު ބުނެއެވެ.
އުމުރުފުޅުން 79ގައި ސުލްތޯން ގާބޫސް އަވަހާރަވި ސީދާ ސަބަބެއް އަދި ހާމަކޮށްފައިނުވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މެޑިކަލް ޗެކަޕްތަކެއް ހެއްދެވުމަށް ސުލްތޯން ގާބޫސް ބެލްޖިއަމްއަށް ގެންދެވުނު ކަމަށް މައުލޫމާތު ލިބެއެވެ.