މާދަމާ ރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހަނދުކޭތަ މާދަމާ ރޭ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާ ގޮތަށް ހަމަަޖައްސާފައިވާ ކަމަށެވެ.

މާދަމާ ހިފާ ހަނދުކޭތަ އާ ގުޅިގެން ކޭތަ ނަމާދު ކުރުމައް ހަމަޖެހިފައިވަނީ މާދަމާ ރޭ ދަންވަރު 12:00 ގައި ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މާދަމާ ރޭ ރާއްޖޭގެ ގަޑިން 10:07 އިން ފެށިގެން 11 ވާ ހޮނިހިރު ވިލޭރޭގެ މެންދަމު 02:12 އާއި ދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާނެއެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 11 ވާ ހޮނިހިރު ގެ 12:10 ގައެވެ.

އެންމެ ފަހުން ކޭތަ ހިފާފައި ވަނީ މިދިޔަ ޑިސެމްބަރުމަހެވެ. އެއީ އިރުކޭތަ އެކެވެ.