ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އުތުރު މަހާސިންތާ ބޭއްވުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަންނަ ހޯމަ ދުވަހު އުތުރުގެ ދެ އަތޮޅަކަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އެމްޑީޕީން ބުނީ މިމަހުގެ 13 އިން 15 އަށް ރައީސް ނަޝީދު އުތުރު މަހާސިންތާއަށް ވަޑައިގަންނަވާއިރު އުރުރުގެ ދެ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދަތުރުގައި އުތުރުގެ ރަށްތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވިމަށް ހަމަޖެހިފައި ވާއިރު، ޖުމްލަ 10 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފާ ވާ ކަމަށެވެސް އެ ޕާޓީން މައުލޫމާތު ދެއެވެ.

އެގޮތުން ހއ އިން ރައީސް ނަޝީދު ވަޑައިގަންނަވާނެ ރަށްތަކުގެ ތެރޭގައި:

  • ހުވަރަފުށި
  • ދިއްދޫ
  • ބާރަށް
  • ކެލާ
  • އިހަވަންދޫ ހިމެނެއެވެ.

ހދ އިން ވަޑައިގަންނަވާނެ ރަށްތަކަކީ:

  • ކުޅުދުއްފުށި
  • ނައިވައިދޫ
  • ނޮޅިވަރަމް
  • ކުމުންދޫ
  • ވައިކަރަދޫ ހިމެނެއެވެ.

އެމްޑީޕީން ވަނީ މި ދަތުރުގައި ބައިވެރިވާން ބޭނުންވާ އެޕާޓީގެ އާންމު މެންބަރުންނަށް ވެސް އެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ޖުމްލަ 300 މެންބަރުންނަށް ޖާގަ ދިނުމަށް ނިންމާފައި ވާއިރު ޖާގަ ދޫކުރާނީ 100 ރުފިޔާއަށް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އުތުރު މަހާސިންތާ ބާއްވާގޮތަށް ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުށީގައެވެ.

ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި “ދެކުނު މަހާސިންތާ” ގއ. ވިލިނގިލީގައި ބާއްވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެވެ. ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަހާސިންތާގައި ލ. އަތޮޅު ކައުންސިލާއި ގދ. އަތޮޅު ކައުންސިލްގެ އިތުރުން ގއ. އަތޮޅު ކައުންސިލުން ވަނީ ބައިވެރި ވެފައެވެ.

މަހާސިންތާތައް ކުރިއަށް ގެންދަނީ މަޝްވަރާ ކުރާ ކަންކަމަށް ހައްލެއް ހޯދޭނެ ކަމުގެ އުއްމީދުގައެވެ.