އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި މުޅިން އަލަށް 2000 އެއްހާ ހައުސިންގް ޔުނިޓް އެޅުމަށް އިސްރާއީލުން ރުހުން ދީފައިވާކަމަށް، އިސްރާއީލުގެ ޣައިރު ގާނޫނީ އާބާދުތަކާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ ޕީސް ނައުއިން ބުނެފިއެވެ.

ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ވަޒަންވެރިވުމަށް ހިންގާ މަޝްރޫއުގެ ދަށުން ގެއެއް ބިނާކުރުމަށް ތަފާތު އެކި މަރުހަލާގެ ދަށުން ހުއްދަތަކެއް ނަގަންޖެހޭއިރު، ޕީސް ނައުއިން ބުނީ 800 އެއްހާ ހައުސިންގް ޔުނިޓް ބިނާކުރުމުގެ ސީދާ މަސައްކަތްތައް ފެށުމުގެ ހުއްދަވެސް މިހާރު ދޫކޮށްފައިވާކަމަށެވެ.

އަލަށް ބިނާކުރާ ހައުސިންގް ޔުނިޓްތަކުގެ ތެރެއިން 89 ޕަސެންޓް ޔުނިޓް ހުރި ސަރަހައްދަކީ، އިސްރާއީލާ ފަލަސްތީނާ ދެމެދު އެކުލަވާލާ ސުލްހައިގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ދޫކޮށްލަންޖެހޭ ބިމުގެ ސަރަހައްދު ކަމަށްވެސް ޕީސް ނައުއިންވަނީ ފާހަގަކޮށްފައެވެ.