މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފައިވާ ސިޔާސީ ޕާޓީ ތަކުގެ މެންބަރުންގެ އަދަދުތަކަށް ބަލާއިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގައި 54،101 މެންބަރުން ތިބިއިރު، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގައި ތިބީ 36،073 މެންބަރުންނެެވެ. އަދި ޖޭޕީގައި ތިބީ 11،072 އެވެ. މި ތިން ސިޔާސީ ޕާޓީއަކީ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވާ ތިން ޕާޓީއެވެ. ޕާޓީތަކާ ބެހޭ ގަވާއިދުގައި ވާގޮތުން، ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެެ.

އެގޮތުން 10،000 މެންބަރުން ހަމަވާ ޕާޓީތައް ކަމުގައި ބަލާނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ތާރީހާ ހަމައަށް 10،000 މެންބަރުން ހިމެނޭ ޕާޓީތަކަށެވެ. ނަމަވެސް ޕާޓީ ތަކަށް ފައިސާ ދޫކުރަނީ އެޕާޓީއެއްގައި 10،000 މެންބަރުން ހިމެނޭ ޕާޓީ ތަކުގެ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. މެންބަރުންގެ އަދަދު ބަލަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ އެޕާޓީއެއްގެ ދަފްތަރުގައި ތިބޭ މެންބަރުންގެ އަދަދަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް އެމްޑީއޭގައި 8،506 މެންބަރުން ތިބިއިރު އަދާލަތު ޕާޓީގައި ތިބީ 6،789 މެންބަރުންނެވެ. ޕީއެންސީގައި 4،221 މެންބަރުން ތިބިއިރު އެމްޓީޑީގައި ތިބީ 3،279 މެންބަރުންނެވެ. ޑީއާރްޕީގައި 3،033 މެންބަރުން ތިބިއިރު ލޭބަ ޕާޓީގައި ތިބީ 2،977 މެންބަރުންނެވެ. އަދި އެންމެ ރަޖިސްޓްރީ ކުރެވުނު އެމްއާރްއެމްގައި ތިބީ 2،851 މެންބަރުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިދިޔަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް ޕްރޮސެސް ނުކުރެވި ހުރީ ޖޭޕީގެ 1،163 ފޯމާއި، ޕީޕީއެމްގެ 232 ފޯމާއި، އެމްއާރްއެމްގެ 232 ފޯމް ކަމަށެވެ.

މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 25.6 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ނަމަވެސް މިއަހަރުގެ ބަޖެޓަކީ 37 ބިލިއަން ރުފިޔާގެ ބަޖެޓަކަށް ވާތީ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 33.4 މިލިއަން ރުފިޔާ ދޫކުރާނެ އެވެ.