މާލޭގެ މަގުތަކުގައި ސިނގިރޭޓް ބޯ މީހުންނަށް ހާއްސަކޮށްގެން ބޫތުތަކެއް ހަދަން މާލެ ސިޓީ ކައުންސިލުން ހެލްތު ޕްރޮޓެކްޝަން އެޖަންސީއާ މަޝްވަރާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ކަނބާއައިސާރަނި ހިނގުމުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް މަނާކުރަން މަޝްވަރާ ކުރަމުންދާ ކަމަށާއި އެ މަގުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ހާއްސަ ބޫތެއް ގާއިމް ކުރަން ވެސް މަޝަވަރާ ކުރި ކަމަށެވެ. ކަނބާއައިސާރަނި ހިނގުމުގައި ސިނގިރޭޓް ބުއިން މަނާ ކުރަން ވިސްނަނީ އެ ސަރަހައްދުގައި ގިނަަ ސްކޫލްތަކާއި ސަރުކާރުގެ މައި ހޮސްޕިޓަލް ހުންނާތީ ކަމަށް ޝަމާއު ވިދާޅުވި އެވެ.
މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ލަސްވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޓޮބޭކޯ ބޯޑުން ނިންމަންޖެހޭ ކަންތައްތަކެއް ނިންމުން ލަސްވަމުންދާތީ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެެވެ.
މާލޭގެ މަގުތަކުގައި ސިނގިރޭޓް ބުއިން މަނާކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި މި ނިންމުމަށް އަމަލު ކުރުމަށް ސިޓީ ކައުންސިލުން ނިންމި ނަމަވެސް މިއަދާ ހަމަޔަށްވެސް އެއަށް އަމަލެއް ނުކުރެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ފާސްކުރީ 2010 ވަނަ އަހަރު އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ހަރުކަށި ގަވައިދެއް މީގެ ކުރިން ވަނީ ގެޒެޓްވެސް ކޮށްފަ އެވެ. އެ ގަވައިދުގެ ދަށުން މިހާރު ވަކިން ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.