އިންފްލޭޝަނާއި ކުއްޔާ އޮތް ގުޅުމަކީ ކޮބައިތޯ މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ސުވާލު އުފައްދަވައިފިއެވެ.

އިބުރާ މިހެން ވިދާޅުވެ ސުވާލު އުފައްދަވާފައި ވަނީ މާލޭގެ ކުލި ކޮންޓްރޯލް ކުރެވޭނެ ކަމަށާއި އެކަމަށް ބޭނުން ވަނީ ސިޔާސީ ހިތްވަރެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވުމާ ގުޅިގެންނެވެ.

މާލޭގެ ކުލީގެ މައްސަލައިގެ ވާހަކަ ހޫނު ބަހުސަކަށް ގޮސްފައިވާ ދަނޑިވަޅެއްގައި އަލީ ހުސެއިން ވިދާޅުވީ، ކުލި ކޮންޓްރޯލު ކުރެވޭނެ ކަމަށާއި އެކަން ރެގިއުލޭޓުވެސް ކުރެވޭނެ ކަމަށެވެ. އަދި ކުލި ދަށް ކުރެވޭނެ ކަމަށާއި އެކަން ކުރަން ބޭނުންވަނީ ސިޔާސީ ހިތްވަރެއް ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަކީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިނަށް ރައްދުދެއްވަމުން، ވޭތުވެ ދިޔަ 10 އަހަރު ތެރޭގައި މާލޭގައި ކުއްޔަށް ދިރިއުޅެން ދޫކުރާ ތަންތަނުގެ އަގުތަކަށް އައިސްފައިވާ ބަދަލަކީ ކޮބައިތޯ އިބުރާ އެއްސެވިއެވެ. އެހެން ހަރަދުތަކަށް އައިސްފައިވާ ބަދަލުތަކަކީ ކޮބައިތޯ އައްސަވާ އިބުރާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ދެ ގްރާފެއް ސްކޭލަކަށް ލައި އިންފްލޭޝަނާއި ކުއްޔާ ހުރި ގުޅުން ބެލުމަށް އޭނާ އެދިވަޑައިގެންފައި ވެއެވެ.

އެމްއެމްއޭގެ އިންފްލޭޝަން ރިޕޯޓްތައް ދައްކާ ގޮތުގައި 2005 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް އެވްރެޖް ގޮތެއްގައި އިންފްލޭޝަން ރޭޓު މާލޭގައި ހުރީ 4.76 ޕަސެންޓަށެވެ. މި އަދަދު އެންމެ މަތިވެފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، 21.16 ޕަސެންޓަށެވެ. އަދި މި އަދަދު އެންމެ ދަށްވެފައި ވަނީ 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހު 3.44- ޕަސެންޓަށެވެ.

2019 ވަނަ އަހަރު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓު ވެސް ވަނީ އެއް އަހަރު ތެރޭގައި 0.87 ޕަސެންޓަށް އިތުރުވެފައެވެ. އެގޮތުން މާލެއިން 2.12 ޕަސެންޓް އިތުރުވެފައި ވާއިރު އަތޮޅުތަކުން އިތުރުވެފައިވަނީ 0.24- ޕަސެންޓެވެ.

މާލޭގެ އިންފްލޭޝަން ރޭޓު ދައްކުވައިދޭ ޗާޓެއް

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާލޭގައި ކުލީގެ ހާލަތަށް ބަލާއިރު ތިން ކޮޓަރި އާއި ދެ ފާހަނާގެ އެޕާޓްމެންޓެއް އުޅެނީ 10،000 އާއި 12،000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް މިހާރު ތިން ކޮޓަރި އާއި ދެ ފަހާނާގެ އެޕާޓްމެންޓަގެ އަގުތައް އުޅެނީ 22،000 އާއި 25،000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އަދި ލިފްޓު ހުންނަ ނަމަ ގޭގެ ކުލީގެ އަގު ބޮޑުވެ 30،000 އިން މައްޗަށް ދާ ކަން ވެދސް ފާހަގަ ކުރެވެއެވެ.

މާލޭގެ ކުލީގެ މައްސަލައިގެ އަޑު ފަހަކަށް އައިސް ގަދަވެފައި ވަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފެށުމާއި ގުޅިގެނެވެ. އެގޮތުން ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ހަވީރު ވަނީ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ.

ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ސަރުކާރުން ވަނީ ކުއްޔާ ބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލުގައި ރަޖިސްޓްރީ ކުރުމެއް ނެތި ކުއްޔަށް ދިނުން މަނާ ކޮށްފައިވާއިރު ކުއްޔަށް އުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް ހިމަނާފައިވެއެވެ. ނަމަވެސް ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ވަކި އަގުތަކެއްގައި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެއެވެ.