މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން 3 ސިޓީއެއްގައި ދަރުސް ދެއްވަން ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރުގައި މާލެ ސިޓީއާއި އައްޑޫ ސިޓީ އަދި ކުޅުއްދުއްފުށި ސިޓީގައި ދީނީ ދަރުސް ދެއްވުމަށް ހަމަޖެހިފައި ވާ ކަމަށެވެ. އަދި ޒުވާނުންނަށާއި ދީނީ އިލްމުވެރިންނަށް ހާއްސަ ދީނީ ޕްރޮގްރާމްތަކެއްވެސް ކުރިއައް ގެންދާ ގޮތައް ހަމަޖެހިފައި ވާކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހެވެ. އަދި 14 ވަނަ ދުވަހުގެ ރޭ މާލޭގައި ދަރުސެއް ދެއްވާނެ ކަމަށާއި 15 ވަނަ ދުވަހު އައްޑޫ ސިޓީގައި ދަރުސެއް ދެއްވާނެ ކަމަށް އެ މިނިސްޓރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން 16 ވަނަ ދުވަހު ކުޅުދުއްފުށީގައިވެސް ދަރުސް ދެއްވާނެ ކަމަށާއި 17 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވަން ހަމަޖެހިފައިވަނީ ވެސް މުފްތީ މެންކް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މުފްތީ މެންކް، ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 18 ވަނަ ދުވަހެވެ.

ފަހަކަށް އައިސް ކޮންމެ އަހަރަކުހެން މުފްތީ މެންކް ގެންދަވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވައި ދަރުސް ދެއްވަމުންނެވެ. އެގޮތުން މިދިއަ އަހަރު ވެސް ވަނީ މާލެ އާއި އައްޑޫގައި ދަރުސް ދެއްވައިފައެވެ.