މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް، މާލޭ މޭޔަރު ކަމަށް ވާދަ ނުކުރަން ނިންމަވައިފިއެވެ.

އަފްޝަން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސިޓީ މޭޔަރު ކަމަށް ކުރިމަތި ނުލާން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އާއިލީ ޒިންމާތަކަކާ ގުޅިގެން ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް މަރުހަބާ ކިޔާކަމަށާއި އެމްޑިޕީގެ ކެނޑިޑޭޓަކު ހޮވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ދާއިރާ އަކީ މާލެ ސިޓީގެ ދާއިރާއެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރީމް މަހު ބާއްވަން ހަމަޖެހިފައި ވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް ފަސް ބޭފުޅަކު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މިހާރުގެ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުވެސް ވަނީ ކުރިމަތި ލައްވާނެކަން އިއުލާން ކުރައްވާފައެވެ.

މީގެ އިތުރުން މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ވަނީ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަން މިއަދު އިއުލާން ކުރައްވާފައެވެ.