ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ، ބަންގްލަދޭޝްގެ ބޮޑު ސަރަހައްދަކުން މޯބައިލް ނެޓްވާކްގެ ހިދުމަތް މެދުކަނޑާލައިފިއެވެ.

ސަލާމަތަށް ނުރައްކާވާކަމަށް ބުނެ މޯބައިލް ނެޓްވާކްގެ ހިދުމަތް މެދުކަނޑާލާފައިވަނީ ބަންގްލަދޭޝްއާއި އިންޑިއާ ހިއްސާކުރާ ބޯޑަރު ސަރަހައްދުން ކަމަށްވާއިރު، މިކަމުގެ އަސަރު 10 މިލިއަނެއްހާ މީހުންނަށް ކުރާނެ ކަމަށް ބެލެވެއެވެ.

އިންޑިއާ ބޯޑަރު ސަރަހައްދުގެ ހިސާބުތަކުން މޯބައިލް ނެޓްވާކްގެ ހިދުމަތް މެދުކަނޑަލާފައިވަނީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއްގައިކަން ހާމަކޮށްފައިވާއިރު، އެކަންކަން ހަމަޖެހެންދެން މި ހިދުމަތް އޮންނާނީ މެދުކަނޑާލާފައި ކަމަށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ބަންގްލަދޭޝްގެ މުއާސަލާތީ ހިދުމަތްތައް ރެގިއުލޭޓްކުރާ އިސް ފަރާތުން މައުލޫމާތު ދޭ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ބަންގްލަދޭޝް ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދެވުނު މަތީ ފަންތީގެ މަޝްވަރާތަކަކަށް ފަހުގައެވެ.

ކަންމިހެން އޮތްއިރު ބަންގްލަދޭޝްގެ ދާހިލީ ވަޒީރާ ހާރިޖީ ވަޒީރު ވަނީ މިކަމާ ކަންބޮޑުވުންފާޅުކުރައްވާފައެވެ. އެގޮތުން، މިފަދަ ނިންމުމެއް ނިންމާފައިވަނީ ކަނޑައެޅިގެން ކޮން ސަބަބަކާ ހެދިކަން އެ ބޭފުޅުންނަށް އަންގަވާފައި ނުވާކަމަށް ވަޒީރުން ވަނީ ފާހަގަކުރައްވާފައެވެ.

ބަންގްލަދޭޝްގެ ބޮޑު ސަރަހައްދަކުން މޯބައިލް ނެޓްވާކްގެ ހިދުމަތް މެދުކަނޑާލާފައިވަނީ ކީއްވެކަމެއް އަދި ކަށަވަރު ވާ ގޮތެއް ނުވެއެވެ. ނަމަވެސް އެއީ މިފަހަކަށް އައިސް އިންޑިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ނިންމި ނިންމުމަކަށް ވުން އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.