ލީބިޔާގެ މަސްލަހަތު އެކުލެވޭ ކަންކަމުގެ ތެރެއަށް ހާރިޖީ ނުފޫޒުތަކުން ބާރު ފޯރުވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރުމަށް، އެފްރިކާއާއި ހުޅަނގު އޭޝިއާ ސަރަހައްދުގައި އޮންނަ އަރަބި ދުނިޔޭގެ ގައުމުތަކުގެ ގުޅުން – އަރަބި ލީގުން ގޮވާލައިފިއެވެ.
އަރަބި ލީގުން މިކަމަށް ގޮވާލާފައިވަނީ، އަސްކަރިއްޔާއާއި ކަނޑުގެ ސަރަހައްދާއު ގުޅުން ހުރި އެއްބަސްވުންތަކެއްގައި، ތުރުކީވިލާތާ ލީބިޔާގެ ވެރިރަށް ތުރާބުލުސްއިން ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިސްރުގެ އެދުމުގެ މަތިން އެގައުމުގެ ވެރިރަށް ގާހިރާގައި ކުރިއަށްދިޔަ އަރަބި ލީގުގެ ދާއިމީ މަންދޫބުންގެ ބައްދަލުވުމުގައި، މިކަމާ ދެކޮޅަށް ގަރާރު ފާސްކޮށްފައިވާއިރު، މި ގަރާރު ބުނާ ގޮތުގައި، ބޭރުގެ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން ލީބިޔާގެ ފަސްގަނޑަށް އަރާފާނެ ހުރިހާ ކަމެއް ހުއްޓުވުމަށްޓަކައި، ބޭރުގެ ނުފޫޒުތަކުން ލީބިޔާއަށް ބާރުފޯރުވުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ.
މިފަހަކަށް އައިސް ލީބިޔާގައި ހިންގާ އަސްކަރީ ހަނގުރާމައިގެ ހަރަކާތްތައް އިތުރުވެފައިވާކަން ފާހަގަކޮށް އަރަބި ލީގުން ބުނީ، އެއީ ސީރިއަސް ކަންބޮޑުވުންތަކެއް އެކުލެވޭ ކަމެއް ކަމަށާ، ލީބިޔާގައި ހަމަނުޖެހުން އުފެދިގެން ދިއުމަކީ މުޅި ސަރަހައްދާ، އަވަށްޓެރި ގައުމުތަކުގެ ހަމަޖެހުމަށްވެސް އޮތް ނުރައްކަލެއް ކަމަށެވެ.
ލީބިޔާގައި ހުރި ޚުދުމުޚުތާރު ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލުމަށް 2011 ވަނަ އަހަރު ނޭޓޯގެ އެއްބާރުލުމާއެކު އެގައުމުގައި ހަރަކާތްތަކެއް ހިންގިފަހުން، އަދާ ޖެހުނުއިރުވެސް ލީބިޔާއަށް ފުރިހަމަ ސުލްހަ ހާސިލުކުރެވިފައެއް ނުވެއެވެ.