މިއަހަކީ ރައްޔިތުންނަށް ކަމެއް ނުކޮށްދީ މާލިއްޔަތު ހުސްކޮށްލި އަހަރެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ފުލުހުން މިހާރު ކުރިއަށް ގެންދާ ކަމަށް މީޑިއާގައި ބުނާ "ނިމޭ 19" އޮޕަރޭޝަން ހުއްޓާލަން އެމްޑީޕީ އިން ގޮވާލުމާ ގުޅިގެން ނެވެ.

ޝިޔާމް މިރޭ ކުރި ޓްވީޓުގައި ވިދާޅުވެފައިވަނީ، މިއަހަރަކީ ތާރީހީ ބޮޑު ބަޖެޓެއްގައި ރައްޔިތުންނަށް ކަމެއް ނުކޮށްދީ ދައުލަތުގެ މާލިއްޔަތު ހުސްކޮށްލި އަހަރެއް ކަމަށާއި، ކިތަންމެ ވަރަކަށް ހިފަހައްޓަން އުޅުނަސް މިއަހަރަކީ ދިވެހި ތާރީހު ދުއް ނާގާބިލް ސަރުކާރެއްގެ ނާ އުންމީދުން ފުރިގެންވި އަހަރެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީ އިން ފުލުހުންނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ މިއަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގެ ކެމްޕޭނުގައި އެމްޑީޕީގެ ވައުދުތައް ހިމެނޭ އޮނިގަނޑަށް ކިޔާފައި ވާނީ "އެޖެންޑާ 19" ކަމަށާއި "އެޖެންޑާ 19" އަކީ އެމްޑީޕީގެ ފިކުރީ މުދަލެއް ކަމަށެވެ. އެއީ އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި، އެނަމާއި އެނަމުގެ ލޯގޯ ފާސްކޮށް، އެނަމާއި ލޯގޯ އިން ވަކި ކަމެއް ރަމްޒު ކޮށްދޭ މަފްހޫމަކަށް އެނަމާއި ލޯގޯ މިހާރު ވަނީ ވެފައި ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.

ފުލުހުންގެ އޮޕަރޭޝަން ހުއްޓާލަން އެމްޑީޕީ އިން އެދުނު ފުލުހުން ކުރިއަށް ގެންދާ އިޕަރޭޝަނަށް ކިޔަނީ "ރިވެލި" އެވެ.

ފުލުހުން މާލޭ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައި މިވަނީ ފޭރުމާއި ވައްކަން ކުރުން މާލެ އާއި ހުޅުމާލޭގައި ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ. ފުލުހުން މިއަދު ބުނެފައި ވަނީ އާއަހަރު ފާހަގަ ކުރުމަށް ބޭނުންވާ ފައިސާ ހޯދަން ވެސް ބައެއް މީހުން ވައްކަންކޮށް ފޭރެމުންދާ ކަމަށެވެ.