ކްރޮސްރޯޑް އެކަނި މިރޭ ރެއިޑް ކޮށްލިޔަސް އެމްޑީޕީ މަތިފަޑި ފުނޑޭނެކަމަށް ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަމީމް މިހެން ވިދާޅުވެފައި ވަނީ، "ނިމޭ 19" ގެ ނަމުގައި ފުލުހުން އޮޕަރޭޝަން ހިންގާ ކަމަށް ވުނެ އެކަން ހުއްޓާލުމަށް ސަރުކާރު ހިންގާ މައިޕާޓީން އެމްޑީޕީއިން ގޮވާލުމާއި ގުޅިގެން ނެވެ.

ޝަމީމް މިއަދު ކުރެއްވި އެފްބީ ޕޯސްޓުގައި ބުނެފައި ވަނީ، ފުލުހުންގެ އޮޕަރޭޝަނަށް "ނިމޭ 19" ކިޔުމަކުން އެމްޑީޕީއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަމަށާއި، މާ ދުރުދުރުން ނޫޅެ އާ އަހަރު ފާހަގަ ކުރުމަށްޓަކައި ޒުވާނުން ރާބޮއި މަޖާކޮށް، މަސްތުވާތަކެތި ބޭނުންކޮށް ނާޗަރަންގީ ކުޅެ ޕާޓީކުރަން ދޫކޮށްލުމަށް ބޭނުން ކަމަށް ބުނުމުން ނިމުނީ ކަމަށެވެ. އަދި އެ ނަން ބަދަލުކޮށްގެން ވެސް އޮޕަރޭޝަން ހިންގަން އެމްޑީޕީ އިން ބޭނުން ނުވާ އިރު، މިރޭ ކްރޮސް ރޯޑު އެކަނި ރެއިޑްކޮށްލި ނަމަވެސް އެމްޑީޕީގެ މަތިފަޑި އެއްކޮށް ފުނޑިގެން ބޮލަށް ފައިބާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

https://www.facebook.com/1186045117/posts/10220856980512738/

އެމްޑީޕީއިން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ފުލުހުން ހިންގާ އޮޕަރޭޝަނަކަށް "ނިމޭ 19" ކިޔުމުގެ ސަބަބުން އެ ޕާޓީން ނުހަނު ބުރަ މަސައްކަތުން ރައްޔިތުން ގަބޫލުކަން ހޯދާފައިވާ "އެޖެންޑާ 19" ނަމަށް ވަރަށް ނުރަނގަޅު އަސަރުކުރާނެ ކަމަށެވެ. އަދި އެޖެންޑާ 19 ގުޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއިން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކަށް ކަމަށް ވެފައި އެ މަސައްކަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ނިމޭ 19" އިގެ މައްސަލައިގައި ފުލުހުން ބުނީ، ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަށް އެއް އިރެއްގައިވެސް "ނިމޭ 19" ނުކިޔާ ކަމަށާއި އެ އޮޕަރޭޝަނަށް ކިޔަނީ "ރިވެލި" ކަމަށެވެ.