ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާފައިވާކަން ހެލްތް މިނިސްޓްރީން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ.

ހެލްތް މިނިސްޓްރީން ބުނީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާފައި ވަނީ، ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން ކަމަށެވެ. އަދި އާ ހޮސްޕިޓަލުގައި މަސައްކަތް ކުރާނީ، ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރި މުވައްޒަފުން ކަމަށާއި، އެ ހޮސްޕިޓަލް އުވާލިއަސް، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އާ ވަސީލަތްތަކާއި އެކު އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވުމަށް ހަމަޖައްސާފައި ވަނީ މިހާރު ވެސް ރީޖަނަލް ހޮސްޕިޓަލުގައި ބޭނުން ކުރަމުންދާ ވަސީލަތްތަކާއި، މުދަލާ ވެސް އެކު ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. ލެބޯޓްރީއާއި ރޭޑިއޮލޮޖީއާއި ސީޓީ ސްކޭންއާއި އެކްސްރޭއާއި މެމޮގްރާމްއި ބޯން ޑެންސިޓީ މެޓްރިކްގެ ހިދުމަތްތަކާއެކު 100 އެނދުގެ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތައް ފަށަން ހަމަޖެހިފައި އޮތީ މި މަހުގެ 15 ވަނަ ދުވަހެވެ. ނަމަވެސް އެކަށީގެންވާ ތައްޔާރީތައް ވެފައި ނެތުމުގެ ސަބަބުން، އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުން ވަނީ ފަސްކޮށްފައެވެ. ހެލްތް މިނިސްޓްރީން ބުނީ ތައްޔާރީތައް މުޅިން ނިމި، އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފެށޭނެ ދުވަހެއް އަދި ބުންނަ ނޭނގޭ ކަމަށެވެ.އާ ހޮސްޕިޓަލް ހުޅުވިނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މީހުން އެޑްމިޓްކުރުމާއި އިމަޖެންސީއާއި ބައެއް އޮޕަރޭޝަންތަކާއި އަދި ވިއްސުން ފަދަ ހިދުމަތްތައް ދެމުން ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ. އަދި އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުންނާއި 73 ނަރުހުން ތިބިކަމަށް ވެސް ހެލްތް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތުގައި ގާއިމުކުރި އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ މަސައްކަތް އެލިއާ އާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.