ޕަޕުއާ ނިއު ގިނީ (ޕީއެންޖީ)ގައި ޑޮކިއުމަންޓްރީ ފިލްމެއްގެ މަސައްކަތް ކުރަމުން ދަނިކޮށް ފުރާނައަށް ނުރައްކާވާ ދަރަޖައަށް ބަލިވިކަން، ހޮލީވުޑްގެ ޒުވާން ބަތޮލް ޒެކް އެފްރޯން ކަށަވަރުކޮށްދީފައެވެ.

"ކިލިންގް ޒެކް އެފްރޯން"ގެ ނަމުގައި ޕީއެންޖީގައި ޑޮކިއުމަންޓްރީ ފިލްމެއް ޝޫޓް ކުރުމުގެ މަސައްކަތް ޒެކް އެފްރޯން ފެށި މި ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް، ކުށްލިއަކަށް ލިބިގެންދިޔައި ސީރިއަސް ބައްޔެއްގައި އޭނާ އޮސްޓްރޭލިއާއަށް ބަދަލުކުރެވުނު އަޑެވެ. އަދި އޮސްޓްރޭލިއާގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އޭނާއަށް ފަރުވާ ދޭން ފެށި ޚަބަރެވެ.

އޮސްޓްރޭލިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދުމަށްފަހު މިހާރު އެނބުރި އެމެރިކާއަށް ގޮސް ހުރި ޒެކް އެފްރޯން ވަނީ އޭނާއަށް ކުރަމިތިވި ނުރައްކާތެރި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޚަބަރު ލިބޭ ގޮތުގައި، ޕީއެންޖީގައި ހުއްޓާ ޒެކް އެފްރޯންއަށް ޖެހިފައިވަނީ ޓައިފޮއިޑް ޒާތުގެ ހުމެކެވެ.