ޔަމަނުގެ ދެކުނުގައި ކުރިއަށްދިޔަ އަސްކަރީ ހިނގާލުމަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއްގައި 5 މީހުން މަރުވެއްޖެއެވެ.

ހަމަލާ އަމާޒުކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އެއްބާރުލުމާއެކު ހަރަކާތްތެރިވަމުންދާ ޔަމަނު އަސްކަރިއްޔާގެ ވަރުގަދަ ގޮތްޕެއް ކަމަށްވާ ސެކިއުރިޓީ ބެލްޓް ފޯސަސްގެ ހިދުމަތާ އަލަށް ގުޅުނު ފައުޖުގެ ދަސްވެނިވުމުގެ ޝަރަފުގައި އޮތް ހެވިކަމުގެ ހިނގާލުމަކަށެވެ.

ސެކިއުރިޓީ ބެލްޓް ފޯސަސްއަކީ، ޔަމަނުގެ ސަރުކާރާއެކު ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރާ ފައުޖެކެވެ.

ޔަމަނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ ޔަމަނުގެ ސަރުކަރާ ދެކޮޅަށް ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންގެ ހަމަލާއެކެވެ. މިދިޔަ އޯގަސްޓް މަހުވެސް ބެލްޓް ފޯސަސްގެ ހިނގާލުމަކަށް އަމާޒުކޮށް ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި 30 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ކަންމިހެން އޮތް ނަމަވެސް، މިފަހަރުގެ ހަމަލާއާއި ގުޅިގެން ހޫތީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޔަމަނުގައި ކުރަން ފެށި ވަރުގަދަ ހަނގުރާމަ އަދިވެސް ހުއްޓުމަކަށް އައިސްފައި ނުވާއިރު މި ހަނގުރާމާގައި 10000 އާއި 70000 ދެމެދު އަދެއްގެ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން މިލިއަނަކަށްވުރެ ގިނަ މީހުން އިންތިހާއަށް ނިކަމެތިހާލުގައި ބަނޑުހައިހޫނުކަމުގައި ދިރިއުޅެމުންދާއިރު، ދުނިޔެ ދުށް އެންމެ ހިތްދަތި އިންސާނީ ކާރިސާވެސް އޮތީ ޔަމަނުގައި ކަމަށް ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުން ފާހަގަކުރެއެވެ.