ހަތިޔާރު އަޅައިގެން ހުރި މީހަކު، އެމެރިކާގެ ޓެކްސަސްގެ ޗާޗަކަށް ކުށްލި ގޮތަކަށް ވަދެ، ދިން ބަޑީގެ ހަމަލާތަކެއްދީ، 2 މީހަކު މަރާލައިފިއެވެ.

ވެސްޓް ފްރީވޭ ޗާޗް އޮފް ކްރައިސްޓްގައި ހަރަކާތެއް ކުރިއަށްދަނިކޮށް އެތަނަށް ވަދެ ބަޑީގެ ހަމަލާތައް ދިން މީހާގެ އަމަލުތައް ހުއްޓުވާލެވުނީ އޭނާގެ ގަޔަށް ބަޑިޖަހާ މަރާލައިގެންނެވެ. އިސްވެ ބަޑިޖެހި މީހާގެ ގަޔަށް ބަޑިޖަހާ މަރާލީ ޗާޗް ހަރަކާތުގައި ބައިވެރިވަމުންދިޔަ މީހެއް ކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާ ފުލުހުން ބުނީ ހަތިޔާރާއެކު ޗާޗަށް ވަދެ ބަޔަކު މަރާލި މީހާ އެކަން ކުރީ ކޮން މަގުސަދެއްގައިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ކަންމިހެން އޮތްއިރު، އިސްވެ ބަޑިޖެހި މީހާގެ ގަޔަށް ބަޑިޖަހާ އޭނާ މަރާލި މީހާއަށް ބަތޮލެއްގެ ޝަރަފު ވަނީ ދީފައެވެ.

ޓެކްސަސްގެ ޗާޗްގައި ބަޑީގެ ހަމަލާތައް ދިން ވަގުތަކީ އެ ޗާޗްގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ މަންޒަރުތައް ލައިވްސްޓްރީމްވެސް ކުރަމުންދިޔަ ވަގުތެކެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކަށް ބަލާއިރު، ބަޑި ހިފައިގެން ޗާޗްއަށް ވަތް މީހާ ވަނީ، އެތަނުގައި އެހެން މީހެއް ކުރެ ވަކި މީހަކު ކޮބައިތޯ ސުވާލުކޮށްފައެވެ. ޖަވާބު ދިން މީހާ ވަކި މީހަކަށް އިޝާރާތް ކުރުމާއެކު، ބަޑިހިފައިގެން ވަތް މީހާ އެމީހަކާ ދިމާލަށް ބަޑިޖަހަން ފެށިއެވެ.

ދީނީ އަޅުކަން ކުރާ ތަންތަނަށް ހަތިޔާރު ހިފައިގެން ވަދެވޭ ގޮތަށް ޓެކްސަސްގެ ގާނޫނަށް އިސްލާހު ގެނައީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

އެމެރިކާގައި ދިރިއުޅޭ ޔަހޫދީ ދީނުގެ އިސް މީހެއްގެ ގެއަށް ވަދެ ތޫނު އެއްޗަކުން ހަމަލާދިން މީހާ (މ) ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި/ފޮޓޯ: ދަ ޓައިމްސް އޮފް އިޒްރޭލް

ޓެކްސަސްގެ ޗާޗަކަށް ބަޑީގެ ހަމަލާތަކެއް ދީފައިވާ މިދަނޑިވަޅަކީ ނިއު ޔޯކް ސިޓީގައި ދިރިއުޅެމުންދިޔަ ޔަހޫދީ ދީނުގެ އިސް މީހެއްގެ ގެއަށް ހަތިޔާރާއެކު ވަތް މީހަކު، އެ ގޭގެ 5 މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ. އެ ހަމަލާ ދިން ވަގުތަކީވެސް ޔަހޫދީ ދީނުގެ އިސް މީހާ ދިރިއުޅެމުންދިޔަ ގޭގައި 'ދީނީ ހަރަކާތެއް' ކުރިއަށްދިޔަ ވަގުތެއް ކަމަށް ޚަބަރުތައް ބުނެއެވެ.