މާލޭގެ ކުލި ކޮންޓްރޯލް ކުރެވޭނެ ކަމަށާއި އެކަމަށް ބޭނުން ވަނީ ސިޔާސީ ހިތްވަރެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިގޮތަށް ވިދާޅުވެފައިވަނީ މާލޭގެ ކުލީގެ މައްސަލައިގެ ވާހަކަ ބަހުސަކަށް ވެގެން ގޮސްފައިވާ ދަނޑިވަޅެއްގައިއެވެ.

އޭނާ ވިދާޅުވީ ކުލި ކޮންޓްރޯލު ކުރެވޭނެ ކަމަށާއި އެކަން ރެގިޔުލޭޓުވެސް ކުރެވޭނެ ކަމަށެވެ. އަދި ކުލި ދަށްވެސް ކުރެވޭނެ ކަމަށެވެ. ބޭނުންވަނީ ސިޔާސީ ހިއްވަރު ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭންވި ކަމަކީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިންވިޒިބްލް ހޭންޑްސް އޮފް ޑިމާންޑް އެންޑް ސަޕްލައި އަކީ އޮޅުވާލުމެއް، އަމުދުން ދައުލަތުގެ މިލްކުވެރިކަން އޮންނަ ބަންޑާރަ ބިމުގައި އަޅާފައި ހުންނަ އިމާރާތެއްގެ ކުލި ކޮންޓްރޯލުކޮށް ރެގިއުލޭޓު ކުރުމަކީ ދައުލަތައް ނުވަތަ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން،" އަލީ ހުސެއިން ވިދާޅުވިއެވެ.

ކުލީގެ މައްސަލާގައި ސަރުކާރުގެ އިސް ފަރާތްތަކާއި މެންބަރުން ހިޔާލު ތަފާތެވެ. އެގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އާންމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "އާސްކް ސްޕީކާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރަގްރާމްގައި އާންމުންގެ މީހަކު، މާލޭގައި ކުލި ކޮންޓްރޯލް ކުރުމަށް ވިސްނަވަންތޯ ރައީސް ނަޝީދަށް ސުވާލު ކުރުމުން ޖަވާބުގައި ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ އެފަދަ ކަންކަމާއި ނުކުޅުން ކަމަށެވެ.

މާލޭ ގެތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށާއި ކުލި ކޮންޓްރޯލް ކުރުމަކީ ވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ވަނީ ވިދާޅުވެފައެވެ.

މާލޭގެ ކުލީގެ މައްސަލައިގެ އަޑު ފަހަކަށް އައިސް ގަދަވެފައިވަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފެށުމާއި ގުޅިގެނެވެ. އެގޮތުން ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ހަވީރު ވަނީ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ.

ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ސަރުކާރުން ވަނީ ކުއްޔާ ބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލުގައި ރަޖިސްޓްރީ ކުރުމެއް ނެތި ކުއްޔަށް ދިނުން މަނާ ކޮށްފައިވާއިރު ކުއްޔަށް އުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް ހިމަނާފައިވެއެވެ. ނަމަވެސް ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ވަކި އަގުތަކެއްގައި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެއެވެ.