ސާވިސް ޗާޖަކީ އެތަނެއްގައި މަސައްކަތްކޮށް ހިދުމަތްދޭން ތިބޭ މީހުންގެ ހައްގެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ބައެއް ރިސޯޓުތަކުން، އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަށީގެންވާ ސާވިސްޗާޖު ދޭ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާ ގުޅިގެން، އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވެފައި ވާއިރު، ސަރުކާރުގެ އެހެން މަތީ މަގާމު ތަކުގެ ބޭފުޅުން ފަދައިން އަލީ ހުސެއިންވެސް ވަނީ ސާވިސް ޗާޖާ ގުޅޭގޮތުން ވަނީ ޓުވީޓެއް ކުރައްވާފައެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވަނީ ސާވިސް ޗާޖަކީ އެތަނެއްގައި މަސައްކަތްކޮށް ހިދުމަތްދޭން ތިބޭ މީހުންގެ ހައްގެއް ކަމަށެވެ. އެ މަހެއް ނިމުމުން އެ މަހެއްގެ ސާވިސް ޗާޖު ލަސްނުކޮށް ލިބެން ޖެހޭނެ ކަމަށާއި ސާވިސް ޗާޖަށް ލިބޭވަރު މީރާގެ ހިސާބު ތަކުން ކަށަވަރު ކުރެވޭނެ ކަމަށެވެ.

މީގެ އިރުރުން މަސައްކަތްތެރިންގެ ހައްގުގައި މިކަން ރެގިއުލޭޓު ކުރުން މުހިންމު ކަމަށްވެސް އަލީ ހުސެއިން ވަނީ ވިދާޅުވެފައެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ ފާހަގަކޮށްލެވޭ ކުންފުނިތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ވިދާޅުވުމާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ފާޑުކިޔުން އަލީ ވަހީދަށް ވަނީ އަމާޒުވެފައެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައި ވާއިރު، ސޯޝަލް މީޑިއާގައި ދަނީ ޓުއަރިޒަމް މިނިސްޓަރު އިސްތިއުފާއަށް ގޮވާލައި ބޮޑު ކެމްޕޭނެއް ވެސް ކުރަމުންނެވެ.