އިސްލާމީ ގައުމުތަކުގެ ބައިނަލްއަގުވާމީ އިއްތިހާދު ނުވަތަ އޯގަނައިޒޭޝަން އޮފސް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމެއް، ކަޝްމީރުގެ މައްސަލައަށް ހާއްސަކޮށްގެން ޕާކިސްތާނަށްޓަކައި ކުރިއަށް ގެންގޮސްދިނުމަށް ސައުދީ އަރަބިއްޔާއިން އެއްބަސްވުމުކަށް އައިސްފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.
ކަޝްމީރުގެ މައްސަލައަށް ހާއްސަކޮށްގެން ސައުދީއިން އޯއައިސީގެ ބައްދަލުވުމެއް މި ބާއްވާދެނީ، އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއެކު މެލޭޝިއާގައި ދާދިފަހުން ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކުގައި ޕާކިސްތާނުން ބައިވެރި ނުވުމުގެ ސަބަބުން ކަމަށް މުރާސިލުން ބުނެއެވެ. މެލޭޝިއާ ސަމިޓްގައި ޕާކިސްތާނުން ބައިވެރިނުވީ ސައުދީގެ ބަހަށް ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
ކަޝްމީރުގެ މައްސަލައަށް ހާއްސަކޮށްގެން އޯއައިސީގެ ބައްދަލުވުމެއް ސައުދީއިން ބާއްވާދޭނެ ކަމުގެ ވާހަކަތައް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަށް ދަންނަވާފައިވަނީ، ސައުދީގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އަލް-ސައުދު ދާދި ފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކަންމިހެން އޮތްއިރު މިއީ ދާދިފަހުން އިސްތިރާޖީ ގުޅުންތައް ވަރުގަދަ ކުރި ސައުދީއާއި އިންޑިއާގެ ގުޅުމަށް ހިސާބެއްގެ ލޮޅުމެއް އަރާނެ ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ޖައްމުއާއި ކަޝްމީރަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުވާލުމަށް އިންޑިއާއިން އޯގަސްޓް މަހު ނިންމި ނިންމުމާ ދެކޮޅަށް ޕާކިސްތާނުން ކުރި މަސައްކަތަށް އޯއައިސީގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށް ޕާކިސްތާނުންވެސް މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ޑިޕްލޮމެޓިކް އިމުގެ ތެރެއިން ބައެއް ގުޅުންތައް ހީނަރުކުރަމުންދާކަމުގެ އަޑުތައްވެސް އޮތީ ފެތުރިފައެވެ.
ކަންމިހެން އޮތްއިރު، ސައުދީއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަކީ އިސްލާމީ ދުނިޔޭގެ ގައުމުތަކާއެކު ހާރިޖީ ގުޅުން ބަދަހި ކުރުމަށް އިންޑިއާއިން ފަށާފައިވާ މަސައްކަތަށް މުހިންމު 2 ތަނބުކަން ފާހަގަކުރަންޖެހެއެވެ.